މި ސަރުކާރުން، ހިންނަވަރުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގެދޮރުވެރިކުރުވުމުގެ މަސައްކަތުގެ އިތުރުން، އުމްރާނީ ތަރައްގީގެވެސް ގިނަ މަޝްރޫއުތައް ހިންނަވަރުގައި ހިންގަން ޖެހިފައިވާކަމުގައެވެ.

އެގޮތުން މަގު ހެދުމާއި، ބަނދަރުގެ މަސައްކަތްވެސް ބަދަލުތަކާއެކު ކުރިއަށްގެންދަވާނެ ކަމަށާއި އަދި ހިންނަވަރުގެ ހިއްކާފައިވާ ސަރަހައްދުގައި ފެނާ ކަރަންޓު އަދި ނަރުދަމާ ފަދަ އަސާސީ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މި އަހަރުތެރޭގައި ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮންމެ ދިވެހި ރައްޔިތެއްވެސް އެމަނިކުފާނަށް މުހިންމު ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ ސިޔާސީ ވިސްނުމެއްގައި ބަޔަކު ތިއްބަސް، އެމަނިކުފާނު ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ހަމަހަމަ ވާނެކަމަށެވެ. "އެމީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިންމު އެއްޗެއް ނޫން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކުވެސް ކިތަންމެ އާބާދީ ކުޑަ ނުވަތަ ބޮޑު ރަށެއްގައި ހުއްޓަސް މިހާތަނަށް ހަގީގަތަކަށް ނުވެ ހުރި ހުރިހާ މަސައްކަތްތަކެއް ނިންމައިދީ އެކަންކަން ހަގީގަތަކަށް ހަދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައެވެ. އެގޮތުން ހިންނަވަރަށްވެސް ލިބެންޖެހޭ ފުރިހަމަ ހައްގު ހޯއްދަވައިދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.