މާލެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ދަށުން އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފައިން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި ދ.މީދޫ އާސްޓްރާ، ފަރިޔާޟް ހުސައިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފަރިޔާޟް ވަނީ މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެއްވެސް ފުރުސަތެއް އޮތްތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަކީ ހުރިހާ ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާނީ މާލޭގެ ރަށްވެހިންގެ ތެރެއިން ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށް އިސްކަމެއް ދިނުމަށް ނިންމަވާފައި ވަނީ ގެދޮރުވެރިކަން ކަށަވަރުކޮށް ނުދެވި އެންމެ ގިނަ ދުވަސްވެފައިވާ ބަޔަކީ މާލޭ ރައްޔިތުން ކަމަށްވާތީ ކަމަށެވެ. މާލެ ސަރަހައްދުގައި ބިން ހިއްކައިގެން ހިންގާ މަޝްރޫއުތަކުން މާލޭގެ ރަށްވެހިންނަށް ގެދޮރުވެރިކަން ޔަގީންކޮށް ދިނުމަކީ ފުރަތަމަ "ޓާގެޓް" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ނޫން ކަމަށާއި އެއަށްވުރެ އިތުރަށް ކަމަށެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުމަށްފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި މާލެ ސަރަހައްދުން ގެދޮރުވެރިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ގެދޮރުވެރިކަން ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ވައުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ދާއިމީ ޔަގީންކަން ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކަނބަލުންނަށް ދަންނަވަން، ސިޔާސަތަކީ ކަނބަލުންނަކީ ބާރުވެރި ކުރެވިފައިވާ ބަޔަކަށް ހަދައިދިނުން، އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރިއަށް ގެންދަން

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ވެސް ބާރުވެރި ކުރުވާ މަސައްކަތް ކުރެވޭނެ ގޮތް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކުރިއަށް ގެންދަން ގަސްދުކޮށްފައި ވާނީ