ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޕުލްކިތު ސަމްރާޓް 40، މި މަހު ކައިވެނިކުރާ ގޮތަށް ނިންމައިފިއެވެ.

އެކްޓަރު ޕުލްކިތު ކައިވެނިކުރަނީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ބޮލީވުޑްގެ ބަތަލާ ކްރިތީ ކަރްބަންދާ 33، އާއެވެ. ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު އެ ކައިވެނި ހަފްލާތައް ކުރިއަށް ދާނީ މި މަހު 13 އިން 15 ގެ ނިޔަލަށެވެ. މަޝްހޫރު ފިލްމު "ސަނަމް ރޭ" ގެ އެކްޓަރު ޕުލްކިތު އާއި ކްރިތީ ދާދިފަހުން އެންގޭޖްވެސް ކޮށްފައެވެ.

ޕުލްކިތު ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ހާންގެ ތިމާގެ މީހެއް ކަމަށްވާ ޝްވޭތާ ރޯހިރާ އާއި 2014 ވަނަ އަހަރު ކައިވެނިކުރިއިރު އެ ކައިވެނި ވަނީ މާގިނަ ދުވަސްތަކެއް ނުވެ 2015 ވަނަ އަހަރު ރޫޅިފައެވެ. 2012 ވަނަ އަހަރު "ބިއްޓޫ ބޮސް" އިން ބޮލީވުޑަށް ތައާރަފްވި ޕުލްކިތު ވަނީ "ޖުނޫނިޔަތު" އަދި "ވީރޭ ދި ވެޑިން" ފަދަ މަގްބޫލު ފިލްމުތައް ކުޅެފައެވެ.

ދެކުނު އޭޝިއާއިން ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްލި ބަތަލާ ކްރިތީ ބޮލީވުޑަށް ތައާރަފްވީ 2016 ގައި ނެރުނު ބިރުވެރި ފިލްމު "ރާޒް: ރީބޫޓް" އިން އެކްޓަރު އިމްރާން ހާޝިމީއާއެކުގައެވެ. ބަތަލާ ވަނީ "ހައުސްފުލް 4" އަދި "ޕާގަލްޕަންތީ" ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެން ގޮއްސައެވެ. މިދެތަރިން ދިމާވީ 2019 ވަނަ އަހަރު "ޕާގަލްޕަންތީ" ގެ ސެޓުންނެވެ.