ބޭނުންވެވަޑައިގަންނަވަނީ ލިޔެވިފައި އޮތް ޖުމްލަތަކެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމު އޮތް އޮތުން ބަދަލުކޮށް، ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު މ. މުލަކަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ ކުރާ މަސައްކަތްތަކެއް ވެސް ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރުމަށް ކަމަށެވެ. ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލު ނެތި ސަރުކާރަށް ނުވަތަ މިނިސްޓްރީއިން ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާ ނަމަ ހުރިހާ މަސައްކަތެއް ވެސް އޮންނާނީ ތަކުރާރު ކުރަން ޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަތުގައި ވެސް ކައުންސިލްގެ ކިބައިން ރައްޔިތުން ކަންކަން ކުރަން ބޭނުންވާ ގޮތުގެ މައުލޫމާތު ހޯއްދަވަނީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭރުން ބާރުވެރި ކުރެވެނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައި ތިބި ކައުންސިލް އަދި އތމ ކޮމިޓީކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ބޭނުންވެވަޑައިގަންނަވަނީ ލާ މަރުކަޒު ކުރެވިފަ އޮތް ނިޒާމު އަމަލީ ގޮތުން ތަންފީޒުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ގާނޫނުގައި ނުވަތަ ގަނޑުތަކެއްގައި ލިޔެވިފަ އޮތް ޖުމްލަތަކެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމު އޮތް އޮތުން ބަދަލުކޮށް، ހަގީގީ މާނާގަ ލާ މަރުކަޒީ ނިޒާމު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން މައުލޫމާތު ހޯދުމުން ރައްޔިތުން ބޭނުންވާ ގޮތް ސާފުވެގެންދާ ކަމަށެވެ. އަދި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން 2026 ވަނަ އަހަރުވެސް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އަމާޒަކީ 5 އަހަރުގެ ދައުރުގައި މަދުވެގެން 2 ފަހަރު ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވުން ކަމަށެވެ.