އިންޑިއާ އާ ފެއަށް ޖެހި ރާއްޖެއިން ޗައިނާ އާ ގުޅުން ބަދަހި ކުރަމުން ދާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރާއްޖެއާއި ޗައިނާގެ ގުޅުމަކީ 3 ވަނަ ފަރާތަކަށް އެކަމުގެ އުނދަގޫ އަމާވާނެ ކަމެއް ނޫން ކަމަށާއި އަދި 3 ވަނަ ފަރާތަކުން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މައޯ ނިންގް އާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެފައި ވަނީ، ޗައިނާއިން ރާއްޖެއާ އެކު ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކޮށް އިސްތިރާޖީ ގުޅުންތައް ވަރުގަދަ ކުރަމުން ގެންދިޔުމަކީ 3 ވަނަ ފަރާތަކަށް އަމާޒުވާ ކަމެއް ނޫން ކަމަށެވެ. އިންޑިއާގެ ނަން ވިދާޅުވެ އޭނާ ވަނީ އަދި އެކަމުގެ ސަބަބުން 3 ވަނަ ފަރާތަކަށް އެ ގުޅުން ނުހުއްޓުވޭނެ ނުވަތަ ހުރަސް ނޭޅޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި މޭރުމުން އޭނާ ކޮމެންތް ކުރެއްވި އިރު ރާއްޖެއާއި ޗައިނާ އާ ދެމެދު ވަނީ އަސްކަރީދާއިރާއިން ހިލޭ އެހީ ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމާ ގުޅޭ ތަފްސީލު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އަދި ހާމަ ކޮށްފައި ނުވާ އިރު މިއަދުގެ 1 ޖަހާ އިރަށް ޑިފެންސް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުން ބާއްވާ ޕްރެސް ކޮންފްރެންސް އެއް ވަނީ ތާވަލު ކޮށްފައެވެ. މި ޕްރެސްގައި އިތުރު ތަފްސީލު ލިބޭނެ ކަމަށް އުއްމިދު ކުރެވޭ އިރު ޗައިނާ އާ އެކު އެއްބަސްވުމުގައި ސޮއި ކުރިކަން ހާމަ ކޮށް ޑިފެންސް މިނިސްތްރީން ކުރި ޓްވީޓުގައި ބުނީ، ސޮއި ކުރެވުނު ހިލޭ އެހީގެ އެއްބަސްވުމާއެކު ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.

ރާއްޖެއިން ޗައިނާ އާ އެކު ޑެފެންސް އެގްރީމަންޓެއްގައި ސޮއި ކޮށްފައި ވާ އިރު، ހުސްވި ހަފްތާގައި ވަނީ އިންޑިއާ އިން ދެކޮޅު ހަދަމުން ދަނިކޮސް ޗައިނާގެ ޖާސޫސީ އުޅަނދު ރާއްޖެއަށް ވަނުމަށް ދިން ހުއްދައާއެކު ރާއްޖެ އައިސްފައެވެ. ހަމަ އެމުއްދަތުގައި ރާއްޖެއިން ވަނީ ލަންކާ އާއި އިންޑިއާގެ އަސްކަރިއްޔާ އާ ގުޅިގެން ކުރިއަށް ގެންދާ 'ދޯސްތީ" ގެ އަސްކަރީ ފަރިތަކުރުންތަކެއްވެސް ރާއްޖޭގައި ބާއްވާފައެވެ.

ރާއްޖެއިން އިންޑިއާ އާ ފެއަށް ޖެހި، ޗައިނާ އާ ގުޅުން ބަދަހި ކުރަމުން ގެންދާ އިރު، ހިނގަމުން މިދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އިންޑިއާ އަށް ފޮނުވާލުމަށް އިންޑިއާ އާއެކު އެއްބަސްވުމެއް ގާއިމު ކޮށް 3 މަރުހަލާއަކަށް އެމަސައްކަތް ގެންދިޔުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ފުރަތަމަ ބުރުގެ ސިފައިންގެ ބަދަލުގައި ރާއްޖެ އަންނަ ސިވިލް [އާންމު] މީހުންގެ ގްރޫޕު އައިސްފައި ވާ އިރު، ރާއްޖޭގައި ތިބި ހުރި ސިފައިން މެއި 10 އަށް ބަލާ ނިންމަން ވަނީ އެއްބަސްވެފައެވެ. މި މީހުންނަކީ ރާއްޖޭގައި އިންޑިއާއިން ދުއްވާ 2 ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމަށް ތިބޭ މީހުންނެވެ.

ހިސާބުތަކުން ދައްކާ ގޮތުން އެތަކެތި އޮޕަރޭޓް ކުރުމަށް ތިބި 77 ސިފައިންނާއި އަސްކަރީ ހޮސްޕިޓަލް ސެނަހިޔާގައި ތިބި 12 މެޑިކަން ސްޓާފުންނާއެކު ޖުމްލަ 89 ސިފައިން ރާއްޖޭގައި އެބަތިއްބެވެ.