މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާއި ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހަޅަން ޖެހެއެވެ.

ނަމަވެސް ފަހަކަށް އައިސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ގަރާޖުގެ ވެރިފަރާތަށް އެނގުމަކާ ނުލައި އެ ގަރާޖްތަކުގައި އުޅަނދު ރަޖިސްޓްރީ ކުރާ ކަމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށާއި އެކަން ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން އެއްގަމުގައި ދުއްވާ އިންޖީޏުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ގަވާއިދުގެ މަތިން ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާ ކަމުގެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭ ގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދާދިފަހުން ވަނީ ޓެކްސީތަކާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ގަރާޖް ސިޓީއެއް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކޮށްދޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު އެ ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އަދި އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކޮށްފައިވާ 2 ފުރޮޅުލީ އުޅަނދާއ،ި 3 ފުރޮޅުލީ އުޅަނދާއި 4 ފުރޮޅުލީ އުޅަނދާއ،ި އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކުރާ އުޅަނދު، އޭގެތެރޭގައި ނުހިމެނޭ ކަމަށް އެ ގަވާއިދުގައި ވެއެވެ.

އަދި ހަމައެހެންމެ ޓެކްސީތައް ރަޖިސްޓްރީ ކުރުމަށް ގަރާޖުގެ ހުއްދަ ހުށަހަޅަން ނުޖެހުނު ނަމަވެސް އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓަރީ ކުރެވޭނ،ީ ފީގެ ގޮތުގައި 10,000 ރުފިޔާ މިނިސްޓްރީއަށް ދެއްކުމުން ކަމަށް ވެސް އެ ގަވައިދުގައި ވެއެވެ.

މީގެއިތުރުން އެ ގަވާއިދުގައި ވަނީ ވަގުތީގޮތުން އުޅަނދު ރަޖިސްޓަރީ ކުރާނަމަ އެ ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު އެ ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި، އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތަކުގެ އިތުރުން ފީގެ ގޮތުގައި 15,000 ރުފިޔާ މިނިސްޓްރީއަށް ދައްކަން ޖެހޭނެ ކަމަށެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާފައި ވަނީ ހުސްވި އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.