މި ސަރުކާރުން މަސައްކަތް ކުރަނީ، އިގްތިސޯދުގައި ބުންވަރު ޖައްސައިދީ، ރާއްޖެއަށް އިތުރު އިންވެސްޓަރުން ގެނައުމަށާ، އިންވެސްޓަރުންނަށް އިތުބާރު ހޯދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 'އިންވެސްޓަރ ކޮންފިޑެންސް' ނުގެނެސް ރާއްޖެއަށް އާމްދަނީ އިތުރު ނުވާނެކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ބ އަތޮޅުގެ ބަޔޮސްފިޔާ ރިޒާވްގެ ފުރިހަމަ ބޭނުންކޮށް ޓޫރިޒަމް ފުޅާ ކުރަން އިވެންސްޓަރުން ބޭނުންވާ ކަމަށް ވިދާޅުވެ އެކަން ވެސް ކުރެވެން އޮތީ އިންވެސްޓަރުންނަށް އިތުބާރު ޔަގީން ކޮށްދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ މި ސަރުކާރުން ކުރާ ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާ ނެރެދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގައުމުގެ އިގްތިސޯދު އޮތް ދަށް ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ، ފައިސާ ޗާޕުނުކޮށް އިތުރަށް ރުފިޔާގެ އަގު ވައްޓައިނުލާ، އިގްތޮސޯދު ވަރުގަދަކުރުމަށް ކަމުގައެވެ. އެގޮތުން "ފައިސާ ޗާޕުކުރުމަކީ، މި ރާއްޖޭގެ އިގްތިސޯދު ސަލާމަތް ކުރަން އޮތް އޮޕްޝަނެއް ނޫން (ހައްލެއް ނޫން)" ކަމަށާ، އިހްލާސްތެރިކަމާއެކީ ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރުމަށް ބޭނުންވާނަމަ ފައިސާ ޗާޕު ނުކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އޭގެ ބަދަލުގައި މި ސަރުކާރުން ކުންފުނިތައް ވަރުގަދަކުރުމަށާއި ކުންފުނިތަކުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ޤައުމަށް ފައިސާ ވަންނާނެ ދާއިރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.

ކެންދޫއަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި އަށްވަނަ މަންޒިލު ކަމަށްވާއިރު އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.