ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝްރައްދާ ކަޕޫރު މިހާރު ގެންގުޅެނީ އާ ލޯބިވެރިއެއް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުރިން ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރުނު އިރު މިހާރު ބޮލީވުޑްގެ ނޫސްތަކުން ބުނާގޮތުގައި ބަތަލާގެ އާ ލޯބިވެރިޔާ އަކީ ރާހުލް މޯދީއެވެ. ހަތަރު އަހަރުވަންދެން ރޯހަން އާއެކު އުޅުމަށްފަހު ދެމީހުން 2022 ވަނަ އަހަރު ރުޅިވިއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރުގެ އަންހެން ދަރިފުޅު ޝްރައްދާ އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު ރާހުލް އަކީ މިދިޔަ އަހަރު ރިލީޒްކުރި ޝްރަދާ އާއި ރަންބީރް ކަޕޫރްގެ ފިލްމުގެ "ތޫ ޖޫޓީ، މޭ މައްކާރު" ގެ ސްކްރީން ރައިޓަރެވެ. ދާދިފަހުން ޖަމްނާނަގަރުގައި ބޭއްވި އިންޑިއާގެ މަހުޖަނު މުކޭޝްގެ އަމްބާނީގެ ހަގު ދަރިފުޅު، އާނަންތު އަމްބާނީގެ ޕްރީ ވެޑިން ހަފްލާގައި ބައިވެރިވުމަށްވެސް ޝްރައްދާ ދިޔައީ ރާހުލް އާއެކުގައެވެ.

ހަމައެއާއެކު ޖަމްނާނަގަރަށް ދިޔަ މަގުމަތީގައި ޝްރައްދާގެ ކުރީގެ ލޯބިވެރިޔާ އަދިތްޔާ ރޯއީ ކަޕޫރު އާ ދިމާވުމުންވެސް ޝްރައްދާ ވަނީ އަދިތްޔާ އަށް ރާހުލް ތައާރަފްވެސް ކޮށްދީފައެވެ. އޭގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއެވެ.