ބައި އިލެކްޝަން އިންތިހާބު ދެން އޮންނާނީ މަޖިލިސް އިންތިހާބު އޮންނަ ދުވަސް ކަމުގައިވާ އޭޕްރީލް 21 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މި ބަދަލު ގެނައީ އިންތިހާބު ތަކާބެހޭ އާންމު ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި، އެއްވެސް އިންތިހާބެއް ރޯދަމަހު ބާއްވައިގެން ނުވާނެ ކަމަށާއި، ރޯދަމަހުގައި އިންތިހާބެއް ބާއްވަން ޖެހޭ ހާލަތުގައި، އެ އިންތިހާބެއް ބާއްވަންވާނީ ރޯދަމަސް ނިމި، 10 ދުވަސް ފަހުން ކަމަށް ކަނޑައެޅުމާ ގުޅިގެން ކަމަށެވެ.

އެގޮތުން މި ތާރީހަށް ބަދަލުކުރެވުނީ ތިން ބައި އިލެކްޝަނެކެވެ. އެއީ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިހާބުކުރުމަށް އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެވެ.

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އެލެކްޝަން ފުރަތަމަ ބާއްވަން ނިންމާފައި ވަނީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ބާއްވަން ނިންމާފައި އޮތީ މާޗު 30 ގައެވެ.

އިސްމާއީލް ހަބީބު ވިދާޅުވީ މި ތިން ބައި އިލެކްޝަންގެވެސް ވޯޓު ލުން ކުރިއަށް ދާނީ އޭޕްރީލް 21 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:00 ން ހަވީރު 04:00 އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ އެދުވަހުގެ ހަވީރު 4:30 ގެ ފަހުންކަމަށް ވަނީ ވިދާޅުވެފައެވެ.

މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ކުރައްވާފައެވެ.

އެ ބިލު ތަސްދީގު ކުރެއްވުމާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ ދުވަސް ކަނޑައަޅާފައި ވަނީ ރަމަޟާން މަސް ނިމުމަށްފަހު 10 ދުވަސް ދޫކޮށް އަންނަ ފުރަތަމަ ދުވަސް ކަމަށްވުމުން ކަމަށް އީސީގެ ރައީސް، ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.