ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ހަމަޖެހިފައިވާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލީސް އިންތިހާބު ފުރަަތަމަ ތާވަލު ކުރީ މާޗް މަހުގެ 17 ވަނަ ދުވަހަށް ނަމަވެސް އެއީ ރޯދަ މަހާ ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ކުރައްވާފައެވެ.
އެ ބިލު ތަސްދީގު ކުރެއްވުމާއެކު މަޖިލިސް އިންތިހާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ ދުވަސް ކަނޑައަޅާފައި ވަނީ ރަމަޟާން މަސް ނިމުމަށްފަހު 10 ދުވަސް ދޫކޮށް އަންނަ ފުރަތަމަ ދުވަސް ކަމަށްވުމުން ކަމަށް އީސީގެ ރައީސް، ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.
އޭޕްރީލް 21 ވަނީ އާދިއްތަ ދުވަހެއްކަމުން ރަސްމީ ދުވަހެއްގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބު ރަސްމީ ދުވަހެއްގައި ބޭއްވުމަށް ހަމަޖައްސާފައި ވަނީ ރައީސް މުއިއްޒުގެ ނުފޫޒުން ކަމަށެވެ. އަދި އެ ދުވަސް އިއުލާން ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ކަމުގައި ނަމަވެސް އެ ނިންމުމަށް ރައީސް މުއިއްޒުގެ ނުފޫޒު އޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރ. ދުވާފަރަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ތާރީހު ކަނޑައެޅީ އެމަނިކުފާނު އަންގަވައިގެން ކަމަށް ބުނެ ދައްކަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އިންތިހާބުގެ ތާރީހު ކޮމިޝަނުން ކަނޑައެޅި ހަބަރު އެކަމނިކުފާނަށް ފެނިވަޑައިގަތީ ނޫހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑަށް ވެސް ފެނުނީ ނޫހުން އާދިއްތަ ދުވަސް އިންތިހާބު ބާއްވަން ކަނޑައަޅައިފި ކަމަށް. އަޅުގަނޑު ވެސް ހިތަށް އެރި ކީއްވެބާއޭ އާދިއްތަ ދުވަސް މި ހެދީ. ދެން އަޅުގަނޑު އެހީމަ ބުނީ ގާނޫނު ފާސްކުރި ގޮތުން ބޭއްވެން އޮތް ދުވަހަކީ އެއީ،" ރައީސް ވިދާޅުވި އެވެ.
ވޯޓުލާން ނުކުންނަ މީހުން މަދުކުރުމަށް އެ ދުވަސް ސަރުކާރު ބަންދު ނުކުރަން ނިންމާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ އާދިއްތަ ދުވަހެއް ގައި އިންތިހާބު ބާއްވާތީ ކޮމިޝަނާއި ސުވާލު ކުރެއްވި ކަމަށާ ކޮމިޝަނުން އެ ނިންމުން ނިންމީ މަޖިލީހުން ގާނޫނު ފާސްކޮށްފައިވާ ގޮތުގެ ސަބަބުން 23 އޭޕްރީލްވާ އާދިއްތަ ދުވަހު ނޫނީ އިންތިހާބު ބޭއްވެން ނެތުމުން ކަަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އާދިއްތަ ދުވަހު އިންތިހާބު ބާއްވާނަމަ އެ ދުވަސް ރަސްމީ ބަންދު ދުވަހަކަށް ހައްދަވާނެކަން ކޮމިޝަނަށް އަންގާފައިވާ ކަަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.