ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ހުއްޓުމެއްނެތި 24 ގަޑިއިރު ބެލެހެއްޓުމުގެ މަސައްކަތް މި މަސްތެރޭ ފެށިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ރ.މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މުހިއްމުކަމާ އެކަމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އަލިއަޅުއްވާފައެވެ.
މިގޮތުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ބޮޑު ސަރަހައްދީ ކަނޑުގެ ސަރަހައްދުކަމަށާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ 900،000 އަކަކިލޯމީޓަރު ކަމަށެވެ. ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަހައްދުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅޫވީ އެ ބޮޑު ސަރަހައްދަށް މިއަދާ ހަމައަށްވެސް ރާއްޖޭގެ އެއްވެސް ބާރެއް ނެތްކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ހާއްސަކޮށް މަސްވެރިކަން ފުޅާކުރެވެން އޮތް މި ސަރަހައްދަކީ ރާއްޖޭގެ ބައުންޑްރީ ތެރޭގައި ހިމެނޭ ގައުމުގެ ބޮޑު ބައެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޒަމާނުއްސުރެ އެ ސަރަހައްދު ބެލެހެއްޓުމުގެ އަމިއްލަ ކެޕޭސިޓީއެއް ނެތް ކަމަށެވެ. އަދި މިހާރުވެސް ބެލެހެއްޓެނީ ރާއްޖޭގެ ސަރަހައްދުގެ ދެ ތިން ޕަސެންޓެއްކަމަށާ އެއީވެސް ރާއްޖޭގެ އެތެރެވަރީގައި އޮތް ސަރަހައްދުކަަމަށެވެ.
ރާއްޖެއަށް ހަގީގީ މިނިވަން ކަމެއް އަދި އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެހެން ބަޔަކު ވަނަސް އަދި ނުރައްކަލެއް އަޔަސް އެހެން ބައެއްގެ އެހީތެރިކަން ހޯދުން ނޫން އެހެން ގޮތެއް ނެތްކަމަށެވެ.
އެހެންނަމަވެސް މި މާޗް މަހުގެ ތެރޭގައި ހުއްޓުމެއް ނެތި 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތާއެކު ގައުމު ބެލެހެއްޓޭކަމުގެ އިހްސާސް އަދި އަމިއްލަ ވަންތަކަމުގެ އިހްސާސްވެެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އޭރުން މިނިވަންކަން އެހެން ބައެއްގެ ބާރުވެރިކަމަށް ނުގޮސް ރައްކާތެރިކުރެވޭނެކަމަށާ އެމަނިކުފާނާ ރައްޔިތުން ހަވާލުކުރި އެންމެ ބޮޑު އެއް ޒިންމާއަކީވެސް ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުން ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން އިތުރުކުރުމަށް ދިވެހި ސިފައިންނަށް ހާއްސަ ތަމްރީންތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖެ އިން ބޭރުން ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.