އިންތިހާބެއް ރަމަޟާން މަހުގެ ދުވަހަކާ ދިމާވަންޏާ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ލާޒިމްކުރާ ގޮތަށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރި ނިންމުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ ގޮތެއް ބެލުމަށް ކޮމިޓީ އަށް ހާޒިރުވާން އަންގައިފިއެވެ.
އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބާއްވާ ބައްދަލުވުމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ހާޒިރުވުމަށް އަންގައި، ސިޓީއެއް ވަނީ ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލީހުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ފާސްކުރުމާ ގުޅިގެން 'ދަ ޕްރެސް' އިން ސުވާލުކުރުމުން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ގާނޫނަކަށް ނުވާހާ ހިނދަކު އިންތިހާބު އޮންނާނީ މި ފެށޭ މާޗް މަހުގެ 17 ވަނަ ދުވަހުގައި ކަމަށާއި، ކޮމިޝަނުން މަސައްކަތްކުރަމުން ދަނީ އެ ތާރީހަށް ތައްޔާރުވުމަށް ކަމަށެވެ.
ހަބީބް ވިދާޅުވީ، އެ އިސްލާހު ގާނޫނަކަށްވުމުން އިލެކްޝަންސް ކޮމިޝަނުން ދެން އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ.
އިއްޔެގެ ޖަލްސާ އަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ވަނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބު ބޭއްވޭނެ ތާރީހެއް އިއުލާނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފައެވެ.
މިދިޔަ ނޮވެމްބަރު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް ވަނީ، ރަމަޟާން މަސް ފެށުމުގެ ކުރިން މަޖިލީހުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ހުށަހަޅުއްވައިފައެވެ. ހަމަ އެއާއެކު މިއަދު ނ. ކެނދިކުޅުދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ރަމަޟާން މަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވަން ބޭނުންފުޅުވެވަޑައިގެންނެވިކަން ހާމަކުރައްވައިފައެވެ.
އަދި މިއަދު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާ ގޮތުގެ މައްސަލައަށް ކުރި ހުކުމާ ގުޅިގެން ބަންޑާރަނައިބު އަހްމަދު އުޝާމްގެ ލަފަޔަކަށް އެދިވަޑައިގެންފައިވާ ކަމަށާއި، ގޮތެއް ނިންމެވޭނީ އުޝާމްގެ ލަފާގެ މަތިން ކަމަށް ވިދާޅުވެ، ރައީސް ވަނީ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރަން އުޝާމް ލަފާ ދެއްވައިފިނަމަ އެގޮތަށް އަމަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައި ބިލު ތަސްދީގުކުރުމާ މެދު މިއަދު ރައީސަށް ލަފާ އަރުއްވާނެ ކަމަށެވެ.