މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަތުމުގައި 3 މީހަކު ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން އެ 3 މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އިން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި އެކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އިން ހުށަހަޅާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މި ގޮތުން މި މައްސަލައިގައި ޕީޖީ އިން ދައުވާކުރުމަށް ހުށަހަޅާފައިވަނީ ސ. ފޭދޫ، ވާރުގެ، މުހައްމަދު އައިމަން - މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރު، ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބް - ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރު އަދި ސ. މަރަދޫ އާޒާދުގެ ޙަސަން ދީދީ - މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށެވެ.

މި ގޮތުން މުހައްމަދު އައިމަންގެ މައްޗަށްކޮށްފައިވާ ދައުވާގައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރެ ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. މިގޮތުން ޖަނަވަރީ 13، 2020 އިން ފެށިގެން އޮކްޓޯބަރު 10، 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ ސޮއިކުރުމަށް ސ.މަރަދޫ، އާޒާދުގެ، ހަސަންދީދީއަށް އިރުޝާދު ދީ، މި ޑެލިވަރީ ނޯޓްތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސްކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އައިމަން ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ލިބިފައިނުވާ ޖުމްލަ 783،100 ލީޓަރު ޑީސަލް ލިބިފައިވާކަމަށް ލިޔެކިޔުންތަކުން ދައްކުވައި، އެ ޑީސަލްގެ އަގަށްވާ ޖުމްލަ 6،799،800.00 ރުފިޔާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދައްކައި، ޖުމްލަ 783،100 ލީޓަރަށް ޑީސަލްއަށް ހިޔާނާތްތެރިވެފައެވެ.

ދައުލަތުން އައިމަނުގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާއެވެ. މި ދެ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 3 އަހަރާ، 11 މަހާ، 30 ދުވަހުގެ ހުކުމެއް އަންނާނެއެވެ.

މީގެ އިތުރުން މި މައްސަލައިގައި ޙަސަން ދީދީގެ މައްޗަށްކޮށްފައިވަނީ، 2019 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުރެ، ފިއުލް ސަޕްލައި މޯލްޑިވްސްއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް، ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓުތަކަކީ ސައްހަނޫން ނޯޓުތަކެއްކަން އެނގިހުރެ އެ ލިޔުންތައް ބަލައިގަނެ ސޮއިކުރުމަށްފަހު ލިޔުންތައް ސިސްޓަމްއިން ބަލައިގަނެ ޕްރޮސެސް ކުރުމަށްޓަކައި ޑެލިވަރީ ނޯޓްތައް ހަވާލުކުރި ކުށުގެ ދައުވާއެވެ.

ދައުލަތުން ހަސަންދީދީގެ މައްޗަށް ކޮށްފައިވަނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ. މި ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވާ ބިދޭސީ މީހާގެ މައްޗަށްކޮށްފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ މަގާމުގައި ހުރެ، ސައްހަ ނޫން ޑެލިވަރީ ނޯޓުތަކުގައި ބަޔާންކޮށްފައިވާ ޑީސަލް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޑެލިވަރކޮށްފައިވާކަމަށް ދެއްކުމަށްޓަކައި، ހަސަންދީދީއާ ހަވާލުކޮށް، ފިއުލް ސަޕްލައި މޯލްޑިވްސްއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޑެލިވަރީކުރަންޖެހޭ އެކު ޖުމްލަ 783،100 ލީޓަރު ޑީސަލްއަށް ހިޔާނަތްތެރިވެފައިވަ ކުށުގެ ދައުވާއެވެ. އަދި 783،100 ލީޓަރު ޑީސަލް ޑެލިވަރީކޮށްފައިވާކަމަށް ދެއްކުމަށްޓަކައި ސައްހަނޫން 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް ސޮއިކޮށްފައިވާތީ، އެކުށުގެ ދައުވާއެވެ.

ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއްކޮށްފައިވާއިރު، އޭނާގެ މައްޗަށްކޮށްފައިވަނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 3 އަހަރާ، 11 މަހާ، 30 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޕީޖީއިން ވަނީ މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށްވެސް ތުހުމަތުކުރެވޭކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ދެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކަ ގަރީނާ ލިބިފައިނުވާތީ، މިވަގުތަށް ދައުވާނުކުރުމަށް ޕީޖީއިން ވަނީ ނިންމާފައެވެ.

މި މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަަލައަކަށްވާއިރު ޕީޖީ އޮފީހުން ބަލައިގަނެފައިވާނީ މި މައްސަލައިގައި ހިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައެވެ. ޕީޖީ އިން ބުނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރާނެކަމަށެވެ.