އަންނަ މާޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއާއެމްބިއުލާންސްގެ ހިދުމަތް ދެއްވަން ފައްޓަވާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަސައްކަތް މާޗު މަހު ފަށާނީ ޑޭޝް އަށެއްގެ މަތިންދާބޯޓެއް ބޭނުން ކޮށްގެންނާ އަދި ސީޕްލޭނެއް ބޭނުންކޮށްގެން، އެ ބޯޓުތަކުގެ އެތެރެއަށް އެކަށޭނަ ބަދަލުތައް ގެނެސްގެންކަމުގައެވެ. އަދި މިއީ ރާއްޖޭގައި މިދާއިރާގެ އަމިއްލަ ގާބިލުކަން އުފެދިގެން ދިއުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޑޭޝް އަށެއްގެ މަތިންދާބޯޓެއްގައި މި ހިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ އެއާޕޯޓަކުންވެސް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބަލި މީހުން އުފުލޭނެކަމުގައެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އަވަށްޓެރި ސްރީލަންކާއާ ހަމައަށް އަދި އެތަނުން އެހެން މަންޒިލުތަކަށް ވެސް ދަތުރުކުރުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސީޕްލޭނެއްވެސް މި ހިދުމަތް ދިނުމަށް ބޭނުންކުރާތީ އެއާޕޯޓް ނެތް ރަށްރަށުންވެސް ބަލިމީހުން އުފުލޭގޮތް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އަމިއްލަ ގާބިލުކަން އުފައްދައިގެން އެއާ އެމްބިއުލާސްގެ ގެ ހިދުމަތް ފަށާއިރު އަންނަ މަހުގެ ތެރޭގައި ރާއްޖޭގައި އަމިއްލަ ގާބިލުކަމާއެކު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްވެސް ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގައި މި ގާބިލުކަންވެސް އުފެއްދުމާ އަދި ފުރިހަމަ މާނައިގައި ދިވެހިންގެ މިނިވަންކަން ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.
ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަނގަޅު ފެންވަރުގައި ފަށައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އެމަނިކުފާނު ވަނީ މަނަދޫއަށް މަދުވެގެން 300 ހައުސިން ޔުނިޓް ބޭނުންވާކަމަށާ އަދި ސްޕޯޓް ކޮމްޕްލެކްސްއެއް ގާއިމުކުރުމާއި މަގުހެދުމާއި އެނޫންވެސް މަނަދޫގެ ތަރައްގީއަށް ކުރަންހުރި ކަންކަމާއި ކުރަން ވައުދުވެޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.