ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ތާޕްސީ ޕަންނޫ އަންނަ މަހު ކައިވެނިކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޭރުގެ ރިޕޯޓްތަކުން ބުނާގޮތުގައި ބަތަލާ ތާޕްސީ އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ މެތިއަސް ބޮއީއާ އާ އަންނަ މަހު ފަހުކޮޅު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އުމުރުން 43 އަހަރުގެ މެތިއަސް އަކީ ޑެންމާކަށް އުފަން މަޝްހޫރު ބެޑްމިންޓަން ކުޅޭ ތަރިއެކެވެ.

އަންނަ މަހު އުދައިޕޫރުގައި ކުލަގަދަކޮށް މި ކައިވެނި ހަފްލާ ބާއްވަން ނިންމާފައިވާއިރު މިހާރު އަންނަނީ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ކައިވެނި ހަފްލާގަައި ބޮލީވުޑްގެ ގިނަ ތަރިން ބައިވެރިވާން ހަމަޖެހިފައިވާއިރު އުދައިޕޫރުގައި ކައިވެނިކުރުމަށްފަހު މުމްބާއީގައި ވެސް ހާއްސަ ހަފްލާއެއް ބޭއްވުމަށްވެސް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރުވެފައިވާއިރު އެދެމީހުން ވަނީ 2020 ވަނަ އަހަރު ރާއްޖެ އައިސް ޗުއްޓީ ވެސް ހޭދަކޮށްފައެވެ.

2010 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ތާޕްސީ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ތަރިއެއްވެސް މެއެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކް ހާން އާއެކު ފިލްމު "ޑަންކީ" އިންނެވެ. އޭނާ ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ތައްޕަޑް"، "ޖުޅްވާ 2"، އަދި "ޕިންކް" ހިމެނެއެވެ.