އެކްސެލަރޭޓިންގް ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ، އެރައިޝް މަޝްރޫއިން ހއ. އަދި ހދ ގެ 4 ރަށެއްގައި ގާއިމުކުރާ ސޯލާ ޕީވީ ހަކަތައިގެ ނިޒާމުތަކާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ ސާވޭތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން ބުނީ އެ މިނިސްޓްރީއިން ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާކަމަށެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި ސަވޭ ފުރުމުގެ ސުންގަޑީއަކީ މާޗް 10، 2024 އެވެ.
އެރައިސް މަޝްރޫއިން ސޯލާ ޕީވީ ނިޒާމުތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- ހއ. އިހަވަންދޫ ގައި 1.5 މެގަވޮޓް ސޯލާ ޕީވީ ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމާއެކު، އަހަަރަކަށް 665،952 ލީޓަރުގެ ޑީސަލް މަދުކުރެވޭނެއެެވެ. އަދި ތެލަށް ކުރާ ހަރަދުގެ 5.4 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެއެވެ.
- ހއ. ކެލާ ގައި 1 މެގަވޮޓް ސޯލާ ޕީވީ ސޯލާ ޕީވީ ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމާއެކު، އަހަަރަކަށް 443،968 ލީޓަރުގެ ޑީސަލް މަދުކުރެވޭނެއެވެ. އަދި ތެލަށް ކުރާ ހަރަދުގެ 3.5 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެއެވެ.
- ހދ. ނޮޅިވަރަމް ގައި 1 މެގަވޮޓް ސޯލާ ޕީވީ ސޯލާ ޕީވީ ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމާއެކު، އަހަަރަކަށް 443،968 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ. އަދި ތެލަށް ކުރާ ހަރަދުގެ 3.5 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެއެވެ.
- ހދ. މަކުނުދޫ ގައި 1 މެގަވޮޓް ސޯލާ ޕީވީ ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިޒާމާއެކު، އަހަަރަކަށް 443،968 ލީޓަރުގެ ޑީސަލް ސަލަމާތްކުރެވޭނެއެވެ. އަދި ތެލަށް ކުރާ ހަރަދުގެ 3.5 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެއެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއަށް އާއްމުންގެ ހިޔާލުހޯދުމުގެ މައިގަނޑު މަގްސަދަކީ އެރައިސް މަޝްރޫއުގެ ދަށުން ސޯލާ ޕީވީ ގާއިމުކުރާ ސަރަހައްދުތަކާއި އެނިޒާމުގެ ކޮންސެޕްޓް އަދި ޑިޒައިންތަކާ ގުޅޭގޮތުން އާއްމުން ދެކޭގޮތް ބެލުމަށާ އަދި މިފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ރަށުގެ ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުވުން ކަމަށެވެ. އެހެންކަމުން މި ސާވޭގައި މިރަށްތަކަށް ނިސްބަތްވާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާ މިކަމަށްކުރާ ހަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާލްޑް ބޭންކްގެ އެހީގައި ހިންގާ މަޝްރޫއެކެވެ. މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާހައުލެއް ގާޤާއިމުކުރުމަށް މަސައްކަތް ކުރުމާއިއެކު މިކަމަށް ފުރުސަތުތައް ހުޅުވައިދިނުން މި މަޝްރޫއުގައި ހިމެނެއެވެ.