އިދިކޮޅު ޕާޓީ(އެމްޑީޕީ)އިން އިސްކުރަނީ ވަކި ބައެއްގެ މަސްލަހަތުތައް ކަމަށާއި ތަރައްގީގެ ވިސްނުން ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ބޭނުންވާ ކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން ބޭނުންވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެއީ މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓު ކަނޑައެޅުގައި ވެސް މަޖިލިސް މެންބަރުންގެ ދައުރު ބޮޑުވުމާއި މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބޭނަމަ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ހުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީވެފައިވާ ނުވަތަ ތަހުޒީބުވެފައިވާ ޑިމޮކްރަސީތަކުގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ތިބި ނަމަވެސް ކަންކަން ކުރުމުގައި އުނދަގޫތަކާ ކުރިމަތި ނުވާ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކުން މީހަކު ހޮވިފައި ހުރި ނަމަވެސް އެ ދާއިރާއަކަށް ނުވަތަ ގައުމަކަށް ކުރިއެރުން އަންނަ ކަންކަމުގައި އެއްބާރުލުންދޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެއާހިލާފަށް ރާއްޖޭގައި މަޖިލިސް އޮންނަނީ މާ ބޮޑަށް ސިޔާސީވެފައި ކަމަށާއި އިދިކޮޅު ޕާޓީއިން ޕާޓީ ލައިން ނަގާކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮލޫން ތަރައްގީގެ ވިސްނުން އިސްކުރުމަށްވުރެ އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތުތަކެއް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ވެސް ގެންގުޅެފައި ވަނީ މުޅިން އެހެން ފަރާތެއްގެ މަސްލަހަތުތަކެއް ހިމާޔާތް ކުރުމުގެ އެޖެންޑާއެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ބަދަލު ގެންނަން ލިބޭ ފުރުސަތުގައި އާއިލީ މަސްލަހަތު އަދި ޕާޓީގެ މަސްލަހަތަށްވުރެ ގައުމުގެ، ދާއިރާގެ އަދި ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ހޮވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.