ރައީސް ޑރ. މުހައްމަދު މުއިއްޒު، 2040 ވަނަ އަހަރަށް ދާއިރު ހދ. އަތޮޅު އޮންނަން ބޭނުންވާ ގޮތުގެ ތަސައްވުރު ހދ. އަތޮޅުގެ ކައުންސިލާ ހިއްސާ ކުރައްވައިފިއެެވެ

ރައީސް މުއިއްޒު ހދ. އަތޮޅުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވާ އެ ތަސައްވުރު ހިއްސާ ކުރެއްވީ ރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައެވެ.

2040 އަށް ދާއިރު ހދ. އަތޮޅު އޮންނަން ބޭނުންވާ ގޮތުގެ ތަސައްވުރުގެ ތެރޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ބޭނުންވާ ގޮތާއި، ރީޖަނަލް ޕޯޓެއް ގާއިމުކުރުމަށް ބޭނުންވާކަން ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ހދ. ރަށްވެހިގެ ތަރައްގީ ކުރުމަށް އިންވެސްޓަރަކު ހޯދުމަށް ސަރުކާރުން އެހީތެރިވެދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

އަތޮޅުގެ ތަރައްގީގެ ޕްލޭނެއް ހަދާއިރު އަތޮޅުގެ ހުރިހާ ރަށަކަށް އެކަމުން މަންފާ ލިބޭނެ ގޮތަކަށް ޕްލޭން ހެއްދެވުމަށް ރައީސްގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ. އަދި ރާއްޖޭގެ އިގްތިސޯދު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ރައީސް ހދ އަތޮޅު ކައުންސިލާ ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓަށް ލުއި ކޮށްދެއްވުމަށް މިއަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓް ބިލު ހަދާނީ ޑޮމެސްޓިކް ރޭޓުން ޗާޖުކޮށްގެންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ހދ. އަތޮޅު ކައުންސިލްގެ ހުރި ކަންބޮޑުވުންތައް އެ ކައުންސިލުން ވަނީ ރައީސްއާ ހިއްސާކޮށްފައެވެ. އެގޮތުން ހދ އަތޮޅުގައި އަތޮޅުވެރިކަން ކުރާ ރަށެއް ނެތްކަން އެ ކައުންސިލުން ފާހަގަ ކުރިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޕައިލެޓް ޕްރޮގްރާމެއް ހދ އަތޮޅުގައި ހިންގަވައިދެއްވުމަށް އަތޮޅު ކައުންސިލުން އެދިފައިވާއިރު، ހދ އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފައެވެ.