ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިނގާކަން ކަށަވަރުކޮށް، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބަރާއި އިހްތިޔާރު އޭގެ އެންމެ ފުރިހަމަ މާނާގައި ތަންފީޒު ވާކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށިތާ 13 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ އެންމެ ގަދީމީ ޒަމާނުއްސުރެވެސް ރާއްޖެ ހިންގާފައިވަނީ ލާމަރުކަޒު ކުރެވިގެންކަމުގައި ވޭތުވެ ދިޔަ ޒަމާންތަކުގެ ކަން ހިނގާފައިވާ ގޮތަށާއި އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު ފެންނާން އެބައޮތްކަމަށެވެ. އެހެންނަމަވެސް ރަސްމީ ސިފައެއްގައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާން ފެށުނީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ ރާއްޖޭގެ ގާނޫނީ ހަޔާތަށް ގެނެވުނު ވަރަށް މުހިއްމު ދުސްތޫރީ ބަދަލެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބަސް ހޯދުމަށް ކޮށުނު މުހިންމު މަގެއްކަމަށެވެ. އަދި ސިޓީ ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ދެވޭ ހިދުމަތްތައް ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރުތީބުކުރުމަށް ލިބުނު ގާނޫނީ ފުރުސަތެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އެއް ފަށަލަ. ސަރުކާރުގެ ސިޔާސަތުތައް ސިޓީ، އަތޮޅު އަދި ރަށުފެންވަރުގައި ތަންފީޒުކޮށް ރައްޔިތުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ހިދުމަތްތައް ވިލަރެސްކޮށް ބަލަހައްޓާ އިދާރާ. އެހެންކަމުން ލޯކަލް ކައުންސިލްތަކުގެ އެންމެ މުހިންމު އެއް ދައުރަކީ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ހަމަހަމަކަމާއެކު ރައްޔިތުން އެދޭގޮތަށް ބައްޓަންކުރުމަށް މަސައްކަތްކުރުން." ރައީސް ވިދާޅުވިއެވެ.

މި ގޮތަށް ކައުންސިލްތަކުގެ ހިންގުން ބައްޓަން ކުރެވޭނީ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރުކޮށްގެން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކައުންސިލްގެ ނިންމުންތަކާ މަސައްކަތްތައް ތަންފީޒުކުރެވެމުންދާ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދާ، ޖަވާބުދާރީވާ، ޒިންމާދާރު ކައުންސިލަކަށް ވެވޭނީ އޭރުންކަމަށެވެ.

މީގެއިތުރުން ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅުކޮށް، ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި ވުޒާރާތަކާއި ހުރިހާ މުއައްސަސާތަކުން ވެސް ކައުންސިލްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ހާއްސަގޮތެއްގައި ރައްޔިތުންނާގުޅޭ ކަންކަން ރާވައި ހިންގުމުގައި ކައުންސިލްތަކާ ރައްޔިތުންގެ ބައިވެރިކުރުން އިތުރުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. "ލާމަރުކަޒީ ނިޒާމު ހިންގުމުގައި ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، އަދި ކައުންސިލްތަކާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވަކި މިނިސްޓްރީއެއް އަޅުގަނޑު ވާނީ އުފައްދާފައި. އެ މިނިސްޓްރީ އުފެއްދުމުގެ ނަތީޖާ ދަނީ ފެންނަމުން. ސަރުކާރުގެ ތެރެއިން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށް ދެމުން. ސަރުކާރުގެ އޮފީސްތަކުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އިތުރުވެ، ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް އިތުރުވެ، ހިންގުމުގެ ސްޕީޑް ދަނީ ހަލުއިވަމުން." ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ލޯކަލް ގަވަމަންޓް އޮތޯރީން މުހިންމު މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހުރިހާ ކައުންސިލްތަކެއް މިހާރުވަނީ އެއް ވިއުގައަކުން ގުޅާލެވި، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކާއެކު ފަސޭހަކަމާއެކު މުއާމަލާތު ކުރެވޭނެ، ލިޔެކިޔުން އަރުޝީފު ކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައި ކަމަށެވެ. އަދި ކައުންސިލްތަކުން ކުރާ އިދާރީ ގިނަ މަސައްކަތްތަކާއި ފައިސާގެ މުއާމަލާތްތަކާއި ބަލަހައްޓަންޖެހޭ ދަފްތަރުތައް ބެލެހެއްޓުމާއި ކައުންސިލްގެ މަސައްކަތްތައް މޮނިޓާކޮށް ބެލެހެއްޓުމުގެ އެޕްލިކޭޝަންތައް، ފަރުމާކޮށް އޭގެ ލުއިފަސޭހަކަން ކައުންސިލްތަކުން ތަޖުރިބާ ކުރަމުން ދާކަަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެ އޮތޯރިޓިން މިހާރު ދަނީ ކައުންސިލްތަކުގެ އެންމެހައި އިދާރީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ސިސްޓަމް އެޕްލިކޭޝަންތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާ އަދި ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކޮށް، ކައުންސިލްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށާއި ކައުންސިލްތަކުގެ މެދުގައި ބިނާކުރަނިވި، ވާދަވެރި ރޫހެއް އުފެއްދުމަށް ކައުންސިލްތައް މިންކޮށް، އަދި ކައުންސިލް ޕާފޯމެންސް އިންޑެކްސް އިތުރަށް ތަރައްގީކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންކަމަށެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ހޯދައިދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ލިބެންހުރި ފުރުސަތުތައް ބޭނުންކޮށްގެން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ މަސައްކަތް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި މުވައްޒަފުންނަށް ފަންނީ ތަމްރީނާ ތަޖުރިބާ އާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ.

ކައުންސިލްތަކަށް ގާނޫނީގޮތުން ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވީ ނަމަވެސް ރާއްޖޭގެ ގިނަ ކައުންސިލްތަކުގެ އިމާރާތްތަކަކީ ގިނަ ދުވަސްވެފައިވާ ބާ އިމާރާތްތަކެއްކަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް ކުރިމަތިވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ގިނަ ކައުންސިލްތަކުގައި މަސައްކަތްކުރާނެ ޖާގައެއް ނެތުމުގެ އިތުރުން ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް ސަމާލުކަން ދެވިފައެއް ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން، އިންވެސްޓާ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްގީއަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.