މި ފަސް އަހަރުދުވަހަށް ބަހާލައިގެން 40،000 ހައުސިން ޔުނިޓް ގާއިމުކުރާއިރު އޭގެ ތެރޭގައި ހިމެނިގެން ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫއެއް ނޮޅިވަރަންފަރުގައި ހިންގާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ނޮޅިވަރަންފަރަކީ އާބާދީ އެއްފަސްކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނުގައިވެސް މުހިންމު ރަށެއްކަމުގައެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަދަލުގެންނަވާނެކަމަށާއި، ސިއްހީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގައި ތިބެގެން، ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ހިދުމަތްދެވޭ ތަނަކަށް ރަށުގެ ސިއްހީ މަރުކަޒު ހެދުމަކީ އެމަނިކުފާނު އިސްކަން ދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މަލްޓިޕާޕަސް ހޯލާއި ބޭނުންވާ އެހެން ވަސީލަތްތަކާއެކު މުޅިން އައު ސްކޫލެއް ބިނާކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިގްތިސާދު މެނޭޖުކުރަމުންވެސް އެމަނިކުފާނު ނޮޅިވަރަންފަރަށް ވައުދުވެވަޑައިގެންނެވި ހުރިހާކަމެއް ކުރިއަށްގެންދަވާނެ ކަމުގައެވެ.