އިންޓަނޭޝަލަން ބިޑަށް ހުޅުވާލައިން ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ވައުދުވެފައިވާ ފަދައިން ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިހާރު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ. ބާރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ބާރަށުގައި ފަށަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއަކީ އިކޯ ޓޫރިޒަމްގެ މަޝްރޫކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މަސައްކަތް ނިމިގެން ދާއިރު ރަށުގައި ރިންގް ރޯޑެއްވެސް ހެދިގެން ދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އަބަދުވެސް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއާއެކު ރަށުގެ އިގްތިސާދު ފުޅާ ވެގެން ދާނެ ކަމަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މިފަދަ މަޝްރޫތައް ހިންގުމަށްޓަކައި މަޖިލީހުން ފާސް ކުރަން ޖެހޭ ބަޖެޓު ތަކާއި އަދި ގާނޫނުތައްވެސް ހުރި ކަން ފާހަގަކުރައްވާ ރައީސް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބު ސަރުކާރުން ކާމިޔާބު ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ބާރަށުގައި ކުރީގެ ސަރުކާރުތަކުން އަޅާ ނުލާ އޮތުމުން ހަލާކުވެފައިވާ ޖެޓީ ވެސް ޒަމާނީ ފެންވަރަށް ހަދާނެ ކަމަށާއި މި ޖެޓީ ތަރައްގީ ކުރާއިރު މަސްވެރިންނަށް ހާއްސަ ޖެޓީއެއްވެސް ހެދިގެން ދާނެ ކަމަށެވެ.