ތިމާވެށި ހިމާޔަތް ކުރުމަށް އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ފަށަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫއަކީ ސަރުކާރުގެ ހަފްތާ 14ގެ މަގު ޗާޓުގެ ދަށުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތިމާވެއްޓާއި ރައްޓެހި ސިނާއަތަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

މި މަޝްރޫއަކީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާ އަދި ޔޫ އެސް އެއިޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު އިފްތިތާހު ކުރުން މި މަހުގެ 19 ވަނަ ދުހަވުގެ ރޭ 20:30 ގައި ހާއްސަ ހަފްލާއަކާއެކު ކުރިއަށް ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫގެ ދަށުން ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ތަންތަން ލިސްޓުކޮށް، ތިމާވެށްޓައް އިސްކަންދޭ މިންގަޑަކުން ފަތުރުވެރިކަމުގެ އެކިއެކި ހިދުމަތްތައް ދިނުން ހިމެނެއެވެ. މީގެއިތުރުން އިކޮލޮޖިކަލް ސަރަހައްދުތައް ހިމާޔަތް ކުރުމާއި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގައި ތިމާވެށި ހިމާޔަތް ކުރުމަށް އިސްކަންދޭ މެނޭޖްމެންޓު ޕްލޭންތައް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަޝްރޫގެ ދަށުން ހިމާޔަތް ކުރެވޭ ސަރަހައްދުތަކުން ރައްޔިތުންނަށް އިގްތިސާދީ ފައިދާ ލިބިގެންދާނޭ ފަދައިން އިންތިޒާމުކުރާނެ ކަމަށާއި މި ތަންތަނަށް ޓޫރިސްޓުންނަށް ޒިޔާރަތް ކުރެވޭ ގޮތް ހަދާ ރާއްޖޭގެ ރީތި މާހައުލު ބަލާލުމުގެ ފުރުސަތުވެސް ދެވިގެންދާނެ ކަމަށެވެ.

މީގެއިތުރުން، އެކޯ ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ބައިނަލް އަގުވާމީ ޓްރެންޑެއް ކަމަށްވާ "އިކޯ ކޮންޝަސް ޓްރެވަލް" ގެ ދާއިރާގައި ލީޑިން ޑެސްޓިނޭޝަނަކަށް ރާއްޖެ ވެގެންދާނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދު އިތުރަށް ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.