ރައީސް ޑރ. މުއިއްޒު މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވާ، އެރަށުގައި ހުއްޓިފައިވާ މަޝްރޫތައް ނިންމަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

މިއަދު މެންދުރު ހޯރަފުށީ ކައުންސިލްގެ އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް ވަނީ އެރަށު ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެގޮތުން ކައުންސިލުން ވަނީ އެރަށު އައިހެވަން މަޝްރޫ ކުރިއަށްގެންދަން ބޭނުންވާކަމަށާއި، ރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ގާއިމުކުރަން ބޭނުންވާކަމަށް ބުނެފައެވެ.

އަދި އައިސް ޕްލާންޓުން އައިސް ނުލިބޭ މައްސަލައާއި، ރަށުން ބިން ހިއްކައިދީ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިހާރު އެރަށުގައި ހުއްޓިފައި ހުރި މަޝްރޫތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދީ އެ މަޝްރޫތައް އަލުން ފައްޓަވައިދެއްވުމަށެވެ.

މިކަމަށް ރައީސް ވަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރެވެމުންދާ މިންވަރަކުން މަޝްރޫތައް ކުރިއަށްގެންދަވާނެކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން ވަނީ އެ ކޮމިޓީއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ފާހަގަކޮށްފައެވެ. މިކަމަށް ރައީސް ވިދާޅުވީ ބަޖެޓުގެ ދަތިކަމަކީ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންވެސް ފާޅުކުރާ ކަންބޮޑުވުމެއްކަމަށެވެ. އަދި މި ކަމަކީ ގާނޫނުގެ ތެރެއިން ހައްލު ހޯދަންޖެހޭ ކަމަކަށްވާތީ އެކަމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރު 4 އަތޮޅަކަށް ވަޑައިގަތުމަށް މިއަދު ރައީސް ދަތުރުފުޅު ފައްޓަވާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ އަދި ގއ. ގެ ބައެއް ރަށްރަށަށް ވެސް ޒިޔާރާތް ކުރައްވާފައެވެ.

ރައީސްގެ ރަސްމީ މި ދަތުރުފުޅުގައި އެ އަތޮޅުތަކުގެ ރަށު ކައުންސިލް މެންބަރުންނަށާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ދަތުރުފުޅުގައި އެ ރަށަކަށް އެންމެ ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ރައީސް ބައްލަވާލައްވާނެއެވެ.