ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދަތުރުފުޅު ފައްޓަވާނެއެވެ.

މިއަދު މެންދުރުފަހު، ރައީސްގެ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވާއިރު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ހއ. ހދ. ށ. އަދި ނ. އަތޮޅުގެ ރަށްތަކަށެވެ.

ރައީސްގެ ރަސްމީ މި ދަތުރުފުޅުގައި އެ އަތޮޅުތަކުގެ ރަށު ކައުންސިލް މެންބަރުންނަށާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ދަތުރުފުޅުގައި އެ ރަށަކަށް އެންމެ ބޭނުންވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ރައީސް ބައްލަވާލައްވާނެއެވެ.

ދެކުނުގެ ބައެއް އަތޮޅުތަކަށް ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަތޮޅު ތެރެއަށް ކުރައްވާ މި ދަތުރުފުޅުތަކުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ތ. ގުރައިދޫ އަށެވެ. އެއީ ރިޔާސީ އިންތިހާބުގައި ރަށުގެ އާބާދީގެ ނިސްބަތުން އެންމެ ބޮޑު ޕަސެންޓޭޖެއްގެ ވޯޓު ރައީސްއަށް ލިބިވަޑައިގެންނެވި ރަށް ވެސް މެއެވެ.

ރަށުގެ އާބާދީގެ ނިސްބަތުން އެންމެ ބޮޑު ޕަސެންޓޭޖެއްގެ ވޯޓު ލިބޭ ރަށަކަށް ފުރަތަމަ ވަޑައިގަތުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ އަދި ގއ. ގެ ބައެއް ރަށްރަށަށް ވެސް ޒިޔާރާތް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެ ރަށްރަށުގައި މުހިންމު ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ.

އެގޮތުން ހުޅުމީދޫ އަދި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިނާއި ސާވޭގެ މަސައްކަތުގައި މިސްރުގެ ދަ އަރްބް ކޮންޓްރެކްޓާސް ކުންފުންޏަކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމުގެ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއި ކުރައްވާފައެވެ.