މި ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ 161 ވައުދުގެ ތެރެއިން 150 ވައުދު ފުރިހަމައަށް ހާސިލް ކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ ސަލްޓަންޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިދިޔަ 3 މަސް ދުވަހު މަޖިލީހުގައި ކަންކަންވެގެން ދިޔަގޮތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގަައި ހިމަނާފައިވާ 161 ވައުދުގެ ތެރެއިން 150 ވައުދު 100 ޕަސެންޓު ހާސިލް ކުރެވިއްޖެ ކަމަށެވެ. އަދި ބާކީ އޮތް 11 ވައުދު ވެސް 80 ޕަސެންޓަށްވުރެ މައްޗަށް ހާސިލް ކުރެވިފައިވާ ކަމަށެވެ.

އެގޮތަށް މަސައްކަތް ކުރަމުންދާއިރު ވެސް އެއްވެސް އަސާސެއް ނެތި ސަރުކާރުގެ ކަންކަމަށް މަޖިލީހުން ބާރުފޯރުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން މަޖިލީހުން ވަޒީރުންނަށް ރުހުން ނުދިނުމާއި، ރައީސް އަޒުލުކުރުމުގެ ކަންކަމާއި އަދި ސަރުކާރަށް ދުއްތުރާ ކުރުމަށް އެހެނިހެން ކަންކަން ކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެއީ މިވަގުތު ނިޒާމު އޮތް ގޮތް ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރިޔާސީ އިންތިހާބަކުން މީހަކު ހޮވާ، ރައްޔިތުން ބޭނުންވާ ކަންކަން ކުރަން ހަވާލު ކުރި ނަމަވެސް އެކަން ކުރުމުގެ ފުރުސަތު ނުދީ އެއްވެސް އަސާސެއް ނެތި މަޖިލީހުގެ ތެރެއިން އެކަމަށް ހުރަސް އަޅާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް މަގުފަހިވާ ގޮތަށް މަޖިލިސް ބައްޓަން ކުރާނީ ރައްޔިތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް މިހާރު އޮތް ގޮތުން ސަރުކާރު ހިންގުމުގެ ބާރުގެ މައްޗަށް ބާރު ހިންގޭކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއްވެސް އަސާސެއް ނެތި ވެސް ސަރުކާރުގެ އެކި ކަންކަމަށް އަދި ސަރުކާރު ހިންގަން ތިބި މީހުންނަށް މަޖިލީހުން ބާރު ފޯރުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.