މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމުގެ ބޭނުމުގައި ތަރައްގީ ކުރަމުންދާ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމު ކޮށްފިއެވެ.

ގުޅިފަޅުގައި ތަރައްގީ ކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައި ވެއެވެ.

އަދި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބިން ކަނޑައަޅާފައި ވެއެވެ. މިގޮތުން ތައުލީމީ ހިދުމަތާއި ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައި ވެއެވެ.

މީގެ އިތުރުންވެސް، ގުޅިފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެ ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްގީ ކުރުމަށް ޕްލޭން ގައި ކަނޑައަޅާފައި ވެއެވެ. އަދި ގުޅިފަޅާއި މާލެ، ތިލަމާލެ ބުރިޖުން ގުޅާލާފައި ވުމަކީވެސް ގުޅިފަޅުގައި އާބާދުވާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ދިރިއުޅުމުގެ ގިނަ ފަސޭހަތަކާ އެކު ތަރައްގީ ކުރުމަށް ޕްލޭން ކުރެވިފައިވާ ގުޅިފަޅުގައި އިގްތިސާދީ މަސައްކަތްތަކަށް ވެސް ހާއްސަ ސަރަައްދުތައް ކަނޑައަޅާފައި ވާއިރު، ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާއި އަށް ހާއްސަ ސަރަހައްދުތަކެއް ހިމަނާފައި ވެއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހާއްސަކޮށް ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ވެސް ވަނީ ކަނޑައަޅާ ފައެވެ.