ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ކުރެއްވި 5 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީގައި ރައްޔިތުންނާ އެކު އަދި ސިޓީ ކައުންސިލާއެކު ބައްދަލުކުރައްވައި، އައްޑޫ ސިޓީގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ވަނީ މަޝްވަރާ ކުރައްވާފައެވެ. އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ތިނަދޫ ސިޓީއަށް ވަޑައިގެން، ސިޓީ ކައުންސިލުތަކާ ބައްދަލުކުރެއްވާފައިވާ އިރު، ގދ އަދި ގއ ގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާގުޅޭ ގޮތުން އެމަނިކުފާނު މަޝްވަރާ ކުރެއްވިއެވެ.
އައްޑޫސިޓީގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓުކަމުގައިވާ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކޮށްފައި ވަނީ މި ދަތުރުގެ ތެރެއިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުވައްމުލައް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މި ދަތުރުފުޅުގެ ތެރެއިން ފައްޓަވައި ދެއްވާފައެވެ.
މީގެ އިތުރުން، ތިނަދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކޮށްފައި ވަނީވެސް މިދަތުރުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.