ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އަދި އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ވިރާޓް ކޯލީ އަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.

އިންސްޓަގްރާމްގައި ވިރާޓް އާއި އަނުޝްކާ ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނީ ދަރިފުޅު ދުނިޔެއަށް އުފަންވެއްޖެ ކަމަށާއި ވިހެއީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި ދޮށީ ދަރިފުޅު ވަމިކާ ކޯލީއަށް ކޮއްކޮއެއް ލިބިއްޖެ ކަމަށާއި އޭނާއަށް ކިޔާ ނަމަކީ އަކޭ ކޯލީ ކަމަށެވެ. ފިރިހެން ދަރިއަކު ބަތަލާ އަށް ލިބުނުއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަނުޝްކާ ބަނޑުބޮޑުކަމަށް ވާހަކަ ދެކެވުނެވެ. ނަމަވެސް ވިހެއުމަށް ދަންދެން ދެމީހުންކުރެ އެކަކުވެސް އޭނާ ބަނޑުބޮޑުކަން ޔަގީންކޮށްދީފައެއްނުވެއެވެ.

"ހެޑް އެންޑް ޝޯލްޑާ" ޝޭމްޕޫ އިޝްތިހާރަކުން ދެމީހުން ދިމާވެ އެކުވެރިންނަށް ދެމީހުން ވިއެވެ. އޭގެފަހުން ލޯބީގެ ގޮތުން ވިރާޓް އާއި އަނުޝްކާ ގުޅުނެވެ. ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ވިރާޓް އާއި އަނުޝްކާ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެފަހުން 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމީހުންނަށް ވަނީ ފުރަތަމަ ދަރިފުޅު ލިބިފައެވެ. ދެމީހުންނަށް އެފަހަރު އަންހެން ކުއްޖެއް ލިބުނުއިރު އެކުއްޖާ އަށް ދިން ނަމަކީ ވަމިކާއެވެ. އޭނާ އަށް މިހާރު ތިން އަހަރެވެ.

2008 ވަނަ އަހަރު ޝާހްރުކް ޚާން އާއެކު ބޮލީވުޑަށް ތައާރަފްވި އަނުޝްކާ އެންމެ ފަހުން އޮން ސްކްރީނުން ފެނިގެންދިޔައީވެސް އެކްޓަރު ޝާހު އާއެކު "ޒީރޯ" އިންނެވެ. ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ "ޗަކްދާ އެކްސްޕްރެސް" އެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެއެވެ.