ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގުޅީފަޅުން ގޯތި ބަދަލު ކުރުމުގެ ފުރުސަތު އޮތްތޯ ބަލާދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނަކުން ވަނީ ގޯތި ދީފައެވެ. އަދި ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ، ރައީސް އަށް އަމާޒު ކުރެއްވީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެ ކަމާމެދުއެވެ.

އެ ސުވާލަށް ރައީސް ޖަވާބު ދެއްވަމުން އެއީ އެހެން ފަރާތްތަކުންވެސް އެމަނިކުފާނަށް އަމާޒު ކުރައްވާފައިވާ ސުވާލެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އެކަމަށް މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އެއީ ފުރުސަތު އޮތް ކަމެއް ނަމަވެސް މިހާތަނަށް އެކަމަށް ސިޔާސަތެއް ކަނޑައަޅާފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިރާވަރު ފަޅާއި ގުޅީފަޅުގެވެސް ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ކަންބޮޑުވުމަށް އެޓެންޑްވާނެ ކަމަށެވެ.

"ތިކަމަކީ ފުރުސަތު އޮތް ކަމެއް، އަދި އެހެން ނަމަވެސް ސިޔާސަތެއް ކަނޑަނާޅާ، ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް ގުޅީފަޅުން ޖާގަދޭއިރު، އެެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ ކަނޑައަޅާނަން، ދެތަނުގެވެސް ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަސައްކަތުގައި މި އުޅެނީ،" ރައީސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްތޯ ބައްލަވާ ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު އޭގެތެރެއިން 18،948 ފަރާތަކަށް ވަނީ ގޯތިދީފައެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ.