ފުވައްމުލަކު ސިޓީއަށް ފަޅު ރަށެއް ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނަށް ބައްދަލުކުރުމަށް ޏ. އަތޮޅު މަދަރުސާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކައުންސިލްތަކަށް ނަފާ ހޯދަ ދިނުމުގެ ގޮތުން ގަވާއިދެއް ތައާރަފްކޮށް، ކައުންސިލްތަކުން ފަޅު ރަށްތައް ހޯދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައިރީގައި ފަޅު ރަށެއް ނެތް ރަށްރަށުގެ ކައުންސިލްތަކަށް އެ ގަވާއިދުގެ ދަށުން ރާއްޖޭގެ ކޮންމެ ތަނަކުން ވެސް ފަޅު ރަށް ހޯދުމުގެ ފުރުސަތު އޮތް ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މިހާރު ގެޒެޓުކޮށްފައިވާ ލިސްޓުގައި މަދު އަދަދެއްގެ ފަޅު ރަށުގެ ނަން އޮތް ނަމަވެސް އެ ލިސްޓަށް ރަށްތައް އިތުރު ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ފަޅު ރަށްތައް އިތުރު ކުރެވި، ކައުންސިލްތަކަށް ހުޅުވާލުމުން އެ ދެވެނީ އަމިއްލައަށް އާމްދަނީ ހޯދުމަށް ފުރުސަތުކަމަށް ރައީސް ވިދާޅުވިއެވެ.

އެ ގަވާއިދުގެ ދަށުން ދޫކުރެވޭ ފަޅު ރަށްރަށުގައި ކައުންސިލުން އަދި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމުން ކައުންސިލްގެ އިތުރުން ރައްޔިތުންނަށް ވެސް އާމްދަނީ ލިބިގެންދާނެ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކު ސިޓީ ކައިރީގައި ފަޅު ރަށެއް ނެތް ނަމަވެސް ކައިރި އަތޮޅަކުން އެ ފުރުސަތު ހޯދުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި އެކަމަށް މަރުހަބާ ދަންނަވާނެ ކަމަށެވެ. އެގޮތުން ހުވަދޫ އަތޮޅު ނުވަތަ އެހެން ސަރަހައްދަކުން ވިއަސް އެކަން ކުރުމުގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެެއް ދެއްވާ، ވީހާވެސް އަވަހަކަށް ފަޅު ރަށެއް ހޯދުމަށް މަގު ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.