ރާއްޖޭގައި ތިބި ބޭރުގެ ހުރިހާ ސިފައިން އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބަލާނެ ކަމަށާއި އެކަމަށް ދެގައުމުގެ ދެމެދުގައި ވާހަކަތައް ދެކެވި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާނެ ކަމެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަން ކަން ހިމާޔަތް ކުރުމައްޓަކައި އިސްތިގްލާލް ސަލާމަތް ކުރުމާއި މި ގައުމުގައި ބޭރުގެ ސިފައިން ތިބި ތިބުން ނިމުމަމަކަށް ގެނައުމެވެ. އައްޑޫ ސިޓީއަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ފޭދޫ އާއި ހިތަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެކަމަކީ ރިވެތި އުސޫލުގެ މަތިން ޑިޕްލޮމަސީގެ ތެރެއިން އެ އޮންނަ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ވާހަކަ ދެކެވިގެން ކުރެވޭނެ ކަމެއް ކަމަށެވެ. އެއީ އެ ނޫން ބީދައަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ ގައުމެއް ވެސް އަނެއް ގައުމެއްގެ ޑިމޮކްރެޓިކް ނިންމުންތައް ބަލައިގަންނާނެ ކަމަށާއި ބަވަނަ ވެފައިވާ މި ދުނިޔޭގައި އެ ނޫން ގޮތަކަށް ހިންގާނެ ގައުމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ސަރަހައްދީ ސުލްހަވެރިކަމާއި ސަރަހައްދީ ހަމަޖެހުން އޮންނަން ބޭނުންވާ ބަޔަކު ވިއްޔާ އެ ގައުމެއްގެ ޑިމޮކްރެޓިކް ނިންމުންތައް ބަލައިގަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހު އެ މަސައްކަތް ފަށާފައިވާނީ އެހަމައިގެ މަތިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއިން ވަޑައިގެން ވަޒީރާ ބައްދަލު ކުރައްވާ މި ގައުމުގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދެއްވުމަށް އެދިވަޑައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެދުވަހު ހުށަހެޅި ހުށަހެޅުމާ އެކު މިއަދު މި ވަނީ ވަރަށް ކާމިޔާބު ހިސާބަކަށް އާދެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އެ މަސައްކަތް ވަނީ ލިޔެކިޔުމަށް ތިރިކޮށް ސޮއިކޮށްފައިވާ ކަމަށާއި ތާރީހްތަކެއް ކަނޑައަޅާއި އެކަން ކުރާނެ ގޮތް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ހިސާބަށް މި މަސައްކަތް ދިއުމަކީ ހަމްދު ކުރަން ޖެހޭ ކަމެއް ކަމަށާއި ފަހުރުވެރިވާން ޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

އެ ނިންމުން ތަންފީޒުކޮށް ދޭނެ ކަމުގެ ޔަގީން ކަން އޮތުމުން މި ނިންމުން ނިންމީ ދިވެހި ރައްޔިތުން ދިން ވޯޓުން ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދިވަހުން ފެށިގެން އަދިވެސް ހުންނެވީ އެ އަޒުމުގައި އެ ގޮތުގައި ކަމަށާއި އެ ކަން ކާމިޔާބު ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން މުއިއްޒު ދެއްވިއެވެ. އެގޮތުން މާޗް 10 ވަނަ ދުވަހު އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެއިން ފުރާނެ ކަމަށާއި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުރިހާ ސިފައިން ބާލާ ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މެއި 10 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބާލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.