ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއެޅުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އާއްމު ސިއްހަތަށް ރައްކާތެރިގޮތުގައި ހިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރިކުރުވުމަކީވެސް މިކަމުގެ މަގުސަދެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 18 ވަނަ ދުވަހު ގްރޭޓާ މާލެ ސަރަހައްދުގައިކަމަށްވެސް އެޗޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ބަލާ ފާސްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މި ހަރަކާތް ކުރިއަށް ދާނީ މާލޭ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭ ހޮސްޕިޓަލް އަދި ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެންނެވެ.

ސާފުތާހިރު ނޫން މާހައުލެއްގައި ކާބޯތަކެތި ތައްޔާރު ކުރުމަކީ އޭގެ ސަބަބުން އެތަކެއް ބައްޔެއް ޖެހުމަށް މެދުވެރިވާ ކަމަކަށް ވީއިރު، ރޯދަ މަސް ފަދަ މަސްތަކުގައި ރެސްޓޯރެންޓު ކެފޭތަކަށް ދާ މީހުންގެ އަދަދު އިތުރުވާނެއެވެ. އެހެންކަމުން އެފަދަ ތަންތަނުގައި ތައްޔާރު ކުރާ ކާބޯތަކެއްޗަކީ ސާފުތާހިރު އަދި ރައްކާތެރި މާހައުލެއްގައި ތައްޔާރު ކުރެވޭ ތަކެތި ތޯ ބަލާ ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ.