ދެން އެންމެ ފުރަތަމަ އިއުލާނު ކުރާ ހައުސިން މަޝްރޫއުތަކުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޖާގަ ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ރ.މީދޫ، ނަރުގިސް، ތޯހާ ހުސައިން، އަމާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ޒުވާނުންނަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭނެ ބައެއް ކަމަށެވެ. އަދި ވައުދުވެވަޑައިގެންފައިވާ ފަދައިން ހައުސިންގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ރައްޔިތުންނަށް ހާއްސަ ހައުސިން ސްކީމްއެއް ސޯޝަލް ހައުސިން ޕްރޮޖެކްޓްސްތަކުގެ ތެރޭގައި ކުރިއަށް ގެންދަން މިހާރު ކެބިނެޓުން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު އެކަމާ ގުޅޭ އޮނިގަނޑު ފާސްކުރެވިފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ކެބިނެޓުން ނިންމާފައި ވަނީ އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް ދާއިރާގެ އެކިއެކި ޖަމިއްޔާތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހިޔާލު އަދި މަޝްވަރާއާއެކު އެ ކެޓަގެރީގެ ތަފްސީލްތައް ނިންމަން ކަމަށެވެ. އެއީ ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ޝަރުތުތައް ކަނޑައަޅާނެ ގޮތާ ޕޮއިންޓް ދޭނެ ގޮތް ކަނޑައެޅުމެވެ.
މީގެއިތުރުން ޓޫރިޒަމްގެ އެކިއެކި ސަރަހައްދުތަކުގައި އެ ސަރަހައްދެއްގައި ހިންގާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ވަކި އިންސައްތައެއް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއާއެކު މާލެ، ހުޅުމާލޭގެ އިތުރުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުން މަސައްކަތް ކުރާ ސަރަހައްދަކުގައި ހިންގާ ހައުސިން މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓް ލިބޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެންމެ އަވަހަށް ފެށޭ ހައުސިން ޕްރޮޖެކްޓްތަކުގެ ތެރެއިން ވެސް އެކަން ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ބައިވަރު މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މި އަހަރު ތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ގޮތަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހިދުމަތްތެރިންގެ ހިޔާލާ ތާއީދާ އެއްގޮތަށް މި ދާއިރާ ކުރިއެރުވުމެވެ.