އަންނަ މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ބޫލް ބުލައްޔާ" ގެ ތިން ވަނަ ފިލްމުގެ ކާސްޓަށް ބޮލީވުޑްގެ ލެޖެންޑަރީ ތަރި މަދޫރީ ޑިކްސިޓް ގުޅިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކްޓަރު ކާރްތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ކާސްޓަށް މަދޫރީވެސް ނަގާފައިވާއިރު ދާދިފަހުން ވަނީ ބަތަލާ ވިދްޔާ ބާލަން ވެސް މި ފިލްމުގެ ކާސްޓާ ގުޅިފައެވެ. ޑައިރެކްޓަރު އަނީސް އަޒްމީ ބުނީ ވިދްޔާ އަށް ފިލްމުގެ ސްކްރިޕްޓް ކިޔާ ދިނުމާއެކު ފިލްމު ކުޅެން ވަގުތުން އެއްބަސްވި ކަމަށެވެ. މި ފިލްމުގައި މަދޫރީ އަށް އޮފާ ކުރީ ވަރަށް ހާއްސަ ރޯލެއް ކަމަށާއި ފިލްމުގެ ޓީމާ، މަދޫރީ އާ ދެމެދު މަޝްވަރާތަކެއް ހިނގަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފިލްމުގެ ދެވަނަ ބައިގައި ކާރްތިކް އާއެކު ލީޑު ރޯލުން ފެނިގެންދިޔައީ ކިއާރާ އަދުވާނީ އާއި ތާބޫއެވެ. ފިލްމު މާޗު މަހު ޝޫޓިން ފަށާއިރު މި ފިލްމަކީ މިއަހަރުގެ ދިވާލީގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މާނައަކީ އަންނަ ނޮވެމްބަރު މަސްތެރޭ ބެލުންތެރިންނަށް ފެނިގެންދާނެއެވެ. ހޮރޯ ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށްގެން ގެނެސްދޭ މި ފިލްމުގެ ކުރީ ދެ ބަޔަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ފިލްމުގެ ފުރަތަމަ ބައި 2007 ވަނަ އަހަރު އަކްޝޭ ކުމާރު އާއެކު ގެނެސްދިން އިރު ފިލްމުގެ ސީކުއަލް ގެނެސްދިނީ 2022 ވަނަ އަހަރު ކާރްތިކް އާއެކުގައެވެ. ފިލްމުގެ ދެވަނަ ބަޔަށް ބޮކްސް އޮފީހުގައި 2.6 ބިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު މި ފިލްމު ވެފައިވަނީ އެ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ހޯދި އެއް ފިލްމަށެވެ. ފިލްމުގެ ދެވަނަ ބައިން ފެނިގެންދަނީ ބާވެ ވީރާނާ ވެފައިވާ ގެއެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ ޖިންނި އެކެވެ. އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި 18 އަހަރު ދުވަސްވަންދެން ބަންދުވެފައިވާ އޮތް މި ޖިންނި މިނިވަންވަނީ އެ ކޮޓަރީގެ ދޮރު އޮޅިގެން ހުޅުވުމުންނެވެ. ފިލްމުގައި ގިނަ ޓްވިސްޓުތަކެއް ފެނިގެންދިޔައިރު މި ފިލްމު ނިމިގެންދިޔައީ ބެލުންތެރިން ހައިރާންކޮށްލުމަށްފަހުއެވެ.