އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓު އަދި ފަހުން ޑިމޮކްރަޓްސްއާ ގުޅުނު އަހުމަދު އަންވަރު (ސިމްވާރު) އަށް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ދީފިއެވެ.

ސިމްވާރު އަށް ސަރުކާރުން ދިނީ ލަންކާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީގެ މަގާމެވެ. މަގާމާ ހަވާލުވެ އޭނާ މިއަދު ވަނީ ވަޒީފާއަށް ނުކުންނަވާފައެވެ. ސިމްވާރު އަކީ ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައެވެ.

އޭގެ ފަހުން ސިމްވާރު ވަނީ ރައީސް ސޯލިހުއާއި ކުރީގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވެ، އެމަނިކުފާނު އުފެއްދެވި ޑިމޮކްރަޓްސްއާ ގުޅިވަޑައިގެންފައެވެ. އަދި ޑިމޮކްރަޓްސްގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި އޭނާ ހަރާކާތްތެރިވެފައި ވެއެވެ.

އޭނާ މަގާމާ ހަވާލުވެވަޑައިގަތީ ޑިމޮކްރެޓްސްގައި އޭނާ އަދާކުރައްވަމުން އައި މަހިބަދޫ ދާއިރާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިމްވާރު ވަނީ އެ ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލާފައެވެ. އަދި އެ ދުވަސްވަރު އޭނާ ވަނީ ދިރިއުޅުން ލަންކާއަށްވެސް ބަދަލު ކުރައްވާފައެވެ.

އެ މަގާމަށް ސިމްވާރު އައްޔަންކޮށްފައިވާއިރު އެ އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ދާދިފަހުން ވަނީ ފިލްމީ ތަރި އަލީ ސީޒަން އައްޔަންކޮށްފައެވެ.