ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯއްދަވާ ދެއްވައި، ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހައްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު ފާހަގަކުރާ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް އަދި އަމިއްލަ ބިމުގެ ބާރުވެރިކަމެއް ނެތް ގައުމުތައް އުޅޭ ހާލު އަބަދާއި އަބަދު ފެންނަ ކަމަށާއި އޭގެ މިސާލަކީ ފަލަސްތީނު ކަމަށެވެ. އެފަދަ ދުވަހެއް ދެކެން ނޭދޭކަން ހާމަކުރައްވަމުން ރައީސް ވަނީ ގައުމަށް ތެދުވެރިވެ، އަދި ދީނަށް ހުރުމަތްތެރިކޮށް ހިތައި، ދައުލަތަށް ވަފާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

އަލިރަސްގެފާނުގެ ޖިހާދުގެ ހާދިސާއަކީ ދިވެހިންނަށް އެތައް ގޮތަކުން ފިލާވަޅުތަކާއި އިބުރަތް ލިބޭ ހާދިސާއެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕޯޗުގީޒުން ރާއްޖެއަށް ވެރިވެގަތުމަށް މަގުފަހިކުރުވި މި ހާދިސާގައިވެސް ފެނިގެންދިޔައީ، އަމިއްލަ އެދުމާއި ދިވެހީން ދިވެހި ގައުމަށް ހިޔާނާތްތެރިވުން ކަމަށާއި މި ހާދިސާއިން ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތާއި، އެމީހުންގެ ހީލަތްތެރި ރޭވުން ފުރިހަމައަށް ފެންނަކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ޝަހީދުންގެ ދުވަސް ބައްދަލުކުރަނީ މުހިންމު ގައުމީ އެތައް ފިލާވަޅަކާއެކު ކަމަށެވެ. އަދި އެ ފިލާވަޅުތަކުން ދޭހަކޮށްދޭ އިބުރަތްތައް ހާސިލުކުރުމަށްޓަކައި ތާރީހުގެ ފަތްފުށްތައް ބަލަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.

އަލިރަސްގެފާނުގެ ގައުމީ ޖިހާދުގެ ހާދިސާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ގެ ހައްގަށް ނަސްރުދެއްވާނެކަން ކަމުގައެވެ. އަދި އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އިތުރަށް ރައީސް ވަނީ އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާ، އެ ރަދުން ގައުމާ މެދު އޮތް ލޯބީގެ ފުންކަމާ، ހިތްވަރުފުޅު ގަދަކަމާ އަދި ދައުލަތަށް ހުރި ވަފާތެރިކަން ފާހަގަކުރައްވައި އެފަދަ ސިފަތައް އަށަގެންނެވުމަށް ބާރުއަޅުއްވާފައެވެ.