ބޮލީވުޑްގެ ބަތަލާ ޔަމީ ގޯތަމް އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިންކަން ބަތަލާ ޔަމީ ހާމަކުރީ މި މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އާ ފިލްމު "އާޓިކަލް 370" ގެ ޓްރެއިލާ ލޯންޗްކުރަން ބޭއްވި ހަފްލާގައެވެ. އެ އިވެންޓުގައި ޔަމީ އާއެކު އޭނާގެ ފިރިމީހާ ޑައިރެކްޓަރު އަދިތިޔާ ދާރް ބައިވެރިވިއެވެ. ބަތަލާ ޔަމީގެ ބަނޑަށް މިހާރު ފަސް މަސްވެފައިވާއިރު ބަތަލާ ބުނީ ބަނޑުބޮޑުއިރު ފިލްމު ޝޫޓްކުރުމަކީ ދިމާވި ގޮންޖެހުމެއް ކަމަށާއި ނަމަވެސް އެތައް ބައެއްގެ މަސައްކަތުން ކާމިޔާބާ ހަމައަށް ވާސިލްވެއްޖެ ކަމަށެވެ. ޔަމީ ބުނީ ފިލްމު ޝޫޓްކުރަން ފެށިއިރު މާގިނަ ކާސްޓުންނަށްވެސް އޭނާ ބަނޑުބޮޑުކަން ނޭނގޭ ކަމަށާއި އޭނާ ބަނޑުބޮޑުކަން އޭރު ގިނަ މީހުންނަށް އަންގަން ބޭނުންނުވީ ކަމަށްވެސް ބަތަލާ ބުންޏެވެ. އަދި ޝޫޓިން ތެރެއިން ސިއްރިއްޔާތުގައި ޑަކްޓަރުން އޭނާ އަށް ބެލިކަމަށްވެސް ޔަމީ ވަނީ ބުނެފައެވެ. ބަތަލާ ޔަމީ ބުނީ ފިލްމުގެ ޓްރެއިނިންތަކާއި ފިލްމުގައި ޝޫޓްކުރަންޖެހުނު ސްޓަންޓުތައް ވެސް ހަދާފައި ހުންނާނީ ބަނޑުބޮޑު އިރު ކަމަށެވެ.

ޔަމީ އާއި އަދިތިޔާ އެންމެ ފުރަތަމަ ދިމާވީ 2019 ވަނަ އަހަރު ޝޫޓްކުރި ފިލްމު "އުރީ: ދަ ސާކިލަލް ސްޓްރައިކް" ގެ ޝޫޓިން ތެރެއިންނެވެ. އޭރު އެ ފިލްމުގެ ބަތަލާ އަކީ ޔަމީއެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ އަދިތިޔާއެވެ. ފިލްމުގެ ސެޓުން ދެމީހުން ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެތަރިން ކައިވެނިކުރީ 2021 ވަނަ އަހަރުގައެވެ.