ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ޓެކްނިކަލް މީހުން ލުމަށް އިންޑިއާއިން ނިންމައިިފިއެވެ.

މިކަން ހާމަ ކުރައްވައި އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ޓެކްނިކަލް މީހުން ފޮނުވާނެ ކަމަށާއި އިންޑިއާއިން ބަލަމުން ދަނީ ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރު ނުހުއްޓި ދުވާނެ ގޮތެއް ކަމަށެވެ.

މި ނުކުތާގައި ވާހަކަ ދައްކަވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާސްގެ ސްޕޯކްސް ޕާސަން ރަންދީރް ޖައިސްވަލް ވަނީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީއަށް ހުރިހާ ގޮތަކުންވެސް މުހިންމު ގައުމެއް ކަމަށްވެސް ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދައްކަމުން ދާއިރު 2 ގައުމުގެ ދެމެދުގައި ހައިލެވަލް ކޮމިޓީއެއް އުފައްދާ 2 ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ދެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަންކަން ކަމަށް އިންޑިއާއިން އަބަދުވެސް ބުނަމުން އަންނަނީ،، ރާއްޖޭގައި ދުއްވާ އެ އުޅަނދުތަކުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ދާނެ ގޮތެއް ހޯދުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަ ކަމަށް ރާއްޖެއިން ބުނަމުން އަންނަނީ ސިފައިން ބޭލުން ކަމަށެވެ.

އެގޮތުން އެއްބަސަވެފައި ވަނީ މިފެށޭ މާޗު މަހުގެ 10 ގެ ކުރިން އެއްބަޔަކު ބޭލުމަށެވެ. އަދި މެއި މަހުގެ 10 ގެ ކުރިން ދެން އޮތް ޕްލެޓްފޯމުތަކުގެ ސިފައިން ގެންދާނެކަމަށެވެ.

މިކަން މިހެން ހިނގަމުން ދާއިރު މިއަދު އިންޑިއާއިން ބުނެފައި ވަނީ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ލާނެ ވާހަކައެވެ. މި ވާހަކައަށް ބާރުދޭ ގޮތަށް ދިވެހި އޮފިޝަލުން މާފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކަވާފައި ނުވި ނަމަވެސް އެގޮތާ ދިވެހި ސަރުކާރުންވެސް ރުހޭ ކަމަށް ނުސީދާކޮށް ބުނެފައި ވެއެވެ.

ނިމިދިޔަ ކޮޕް ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ދެންނެވި ކަމަށާއި އެ ކަންކަމަށް ރިއާޔަތް ކުރެވި އެ ކަންކަން ހައްލުވެގެން ދިޔުމަކީ ރާއްޖޭގެ އެންމެން އެދޭ ގޮތް ކަމަށްވެސް ދެންނެވި ކަމަށެވެ. އަދި ކޮންމެ ގައުމަކާވެސް އިސްތިގުލާލުގެ އުސޫލާއި ހަމަތަކުގެ ތެރެއިން ގާތް ގުޅުމެއް އޮންނާނެ ކަމަށް މޯދީއަށް ދެންނެވި ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބާލަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު ފޮނުވާލާނީ ކިތައް ސިފައިން ކަން އެ ބަޔާނުގައި ހާމައެއް ނުކުރެއެވެ.