އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (111) އަށް ކެންސަރު ޖެހިފައިވާ ކަމުގެ ހަބަރު އެހީ ފުން ހިތާމައާއެކު ކަމަށާއި އަދި ރަސްގެފާނަށް އަވަސް ޝިފާއެއް ދެއްވުން އެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ރަސްގެފާނު ޗާލްސް ކެންސަރުގެ ބަލިމަޑުކަމާ ކުރިމަތިލައްވާނީ ކެތްތެރިކަމާއި އަޒުމާއެކުގައިކަން ޔަގީންކުރައްވާ ކަމަށާއި ރަސްގެފާނު ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވުމަށް އެ މަނިކުފާނާއި ހުރިހާ ދިވެހިން ވެސް އެދޭ ކަމަށެވެ.
ސީއެންއެންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރަސްގެފާނު ޗާލްސް (111) ޖެހިފައިވަނީ ކޮން ވައްތަރެއްގެ ކެންސަރެއްކަމެއް އަދި ހާމައެއް ނުކުރެއެވެ. އަދި ޑޮކްޓަރުންގެ ލަފާގެ މަތިން މިވަގުތު ޗާލްސް ހުންނެވީ މަގާމުގެ ބައެއް މަސްއޫލިއްޔަތުތައް ކަމަށްވާ " ޕަބްލިކް ފޭސިން ޑިއުޓީސް " އާއި ދުރުގައެވެ. ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން އިނގުނީ ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން މިދިޔަ ހޯމަ ދުހު ހެދި ޓެސްޓުތަކަކުންނެވެ.
މީގެއިތުރުން އިނގިރޭސި ވިލާތުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ތިން ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށް ރަސްގެފާނު މަޑު ކުރެއްވިކަމަށްވެސް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އިނގިރޭސިވިލާތުގެ ރަސްކަމާއި ކިންގް ޗާލްސް (111) ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 2022 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ރާނީ ޗާލްސް (111) ގެ މަންމަ ކުއީން އެލިޒަބެތް އަވަހާރަވުމާއި ގުޅިގެންނެވެ.