ސަރުކާރުގެ އަމާޒަކީ އާ 20 ރިސޯޓު މި އަހަރު ހުޅުވައި، ހިދުމަތަށް 2،857 އެނދު ނެރުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ އަލަތު ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ ސަރުކާރުން މި އަހަރު އާ 20 ރިސޯޓެއް ހުޅުވައި، ނުހެދި ހުރި ރިސޯޓުތައް ނިންމުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ބެނުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންތަކުގެ ތެރެއިން މަސައްކަތްތައް ހުއްޓިފައިވާ ތަންތަން ތަރައްގީކުރުމަށް ދިމާވާ ހުރަސްތައް ފާހަގަކޮށް އެ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

މިގޮތުން ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި ދޫކޮށްފައިވާ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި މީރާ އާއި އިކޮނޮމިކް ކައުންސިލު ގުޅިގެން ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

އަދި މިފަދަ ތަންތަން ތަރައްގީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީސްޓްރަކްޗާކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލައި އިރާދަކުރެއްވިއްޔާ ތަންފީޒުކުރެވިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސީޕްލޭން ހަބަކާ އެކު އައްޑު އަށް 'އައްސޭރި ޓޫރިޒަމް'ގެ ނަމުގައި އައްޑޫގެ ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި ހާއްސަ މަޝްރޫއެއް އެކުލަވާލައި އިފްތިތާހުކުރުމުގެ މަސައްކަތްކުރެވެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދައުރުގެ ތެރޭގައި މި ހެޔޮ ބަދަލުތައް ރާއްޖޭގެ ޓޫރިޒަމަށް އިރާދަކުރެއްވިއްޔާ އަންނާނެ،"