ވޭތުވެދިޔަ ފަސް އަހަރު އަށް ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ޗާޕުކޮށްފައިވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އިއްވެވި އަލަތު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ރާއްޖެ އަށް އިގްތިސޯދީ ގޮތުން ފަހި މުސްތަގުބަލެއް ފެންނަން އޮތް ނަމަވެސް، ދައުލަތުގެ މާލީ ހާލަތު ވަރަށް ގޯސް ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އާއި ދައުލަތުން ކުރާ ހަރަދުގެ ފަރަގު ބޮޑުވެ، ދަރަނި ބޮޑުވެފައިވާ ކަމަށެވެ.

2020 ވަނަ އަހަރު މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމާ ހުރެ، އެ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 13.5 ބިލިއަން ރުފިޔާ އަށް އިތުރުވި ނަމަވެސް، ރައީސް ވިދާޅުވީ، ދައުލަތުގެ ދަރަނި ކުޑަނުކުރެވުނީ އޭރުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައިވާ ގޮތުގެ ސަބަބުންނާއި ސަރުކާރުން ކުރަމުން ދިޔަ އިސްރާފުގެ ސަބަބުން ކަމަށެވެ.

"ދިވެހި ތާރީހުގައި މީން ޒަމާނަކު ގައުމު ނުދަރާ ވަރަށް އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު ދައުލަތް އޮތީ ދަރާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

"ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތަ އަށް އުފުލިފަ. ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހާ ރުފިޔާ ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް،"

އޭގެ ނަތީޖާގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ މި ސަރުކާރުން އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ފައިސާ ޗާޕުކުރުން މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުން ކަމަށާއި، އެއަށްފަހު ރާއްޖޭގެ އިގްތިސޯދު ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރަން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.