ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ހާއްސަ ހާލަތެއްގައި މެނުވީ ސިޔާސީ މަގާމުތަކަށް އިތުރަށް މީހުން ދެން އައްޔަން ނުކުރާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އިއްވެވި އަލަތު ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ދަރަނި ވަރަށް ބޮޑު ކަމަށާއި، ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ކުރާ ހޭދަތައް އިތުރުވެގެން ދިޔައިރު، އާމްދަނީ ހޯދުމަށް ކުންފުނިތަކުން ކުރާ މަސައްކަތްތައް މަދުވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެކި ކަންކަމަށް ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާ އިން ބިލިއަނެއްހާ ރުފިޔާގެ ހަރު މުދަލާއި ފައިސާ އެކި ފަރާތްތަކަށް މީގެ ކުރިން ބަހާލި ކަމަށާއި، ދައުލަތުގެ ދަރަނިތައް ދެއްކުމަށް އުފެއްދި ސޮވަރިން ފަންޑުގައި ހުރި ބޭރު ފައިސާ ވެސް ނަގައި މާރުކޮށްލާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު އަންދާޒާކުރި މިންވަރަށްވުރެ ވެސް ފިސްކަލް އަދި ދަރަނީގެ ހާލަތު އޮތީ ގޯސްކޮށް،" ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
އެއާއެކު ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރަކީ ދައުލަތުން ދަރަނި އަނބުރާ ދެއްކުމަށްޓަކައި ބޮޑު ހޭދައެއް ކުރަން ޖެހޭ ދެ އަހަރު ކަމަށް ވާތީ، ސަރުކާރުން އިސްކަން ދޭނީ ދަރަނި އަނބުރާ ދައްކަން ޖެހޭ ތާރީހަށް ދަރަނި ދައްކައި ހަލާސްކުރުމަށް ކަމަށެވެ. އެ މަސައްކަތާ އެކު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން އަޅާނެ ކަމަށް ރައީސް ވިދާޅުވި ބައެއް ފިޔަވަޅުތަކަކީ:
- ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހާއްސަކޮށް ދެވޭ އެއްޗަކަށް ބަދަލުކުރުން
- އާސަންދަ ހައްގުވާ ފަރާތްތަކަށް އިސްކަން ލިބޭ ނިޒާމަކަށް ބަދަލުކުރުން
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ދައުލަތަށް ބަރޯސާވާ މިންވަރު ކުޑަކުރުން
- އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސް ބޭސް ފުޅާކުރުން
"ހަމަ އެހެންމެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން،" އެމަނިކުފާނު ވިދާޅުވިއެވެ.