ގޯތި ގެދޮރަށް ބޭނުން ޖެހިފައިވާ އާންމުންގެ ހާލަތު އަބަދު ވެސް އަޕްޑޭޓުވަމުންދާނެ ފަދަ ޕޯޓަލެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ އަލަތު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، ގެދޮރު މަރާމާތުކޮށް އިމާރާތްކުރުމަށާއި ފްލެޓު ގަތުމަށް ފަސް ޕަސެންޓަށް ވުރެ ދަށް އިންޓްރެސްޓް ރޭޓެއްގައި ފައިސާ ހަމަޖެހޭނެ ގޮތްތައް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.

ހަމަ އެއާއެކު ގޯއްޗަށް ކޮންމެ ފަހަރަކު އެދި ހުށަހަޅާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ގެދޮރަށް ބޭނުންޖެހިފައިވާ މީހުންގެ ރަޖިސްޓްރީ އާއި ހާލަތު އަބަދު ވެސް އަދާހަމަވަމުން ދާނެ ޕޯޓަލެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ދޫކުރި ހުރިހާ ގޯތިތަކަށް ވަގުތީ ލިޔުން ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި، އެ ލިއުންތަކާ ހަވާލުވުމަށް ބިންވެރިންނަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ރަށްރަށާއި ސިޓީތަކުގައި ސަރުކާރުތަކުން ގާއިމްކުރި ހައުސިން ޔުނިޓުތަކުގެ ކުލި ކުޑަކޮށްދީފައިވާ ކަން ފާހަގަކުރައްވައި، ހިޔާ ފްލެޓުތަކުގެ ފިނިޝިން ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭ ދެ ލައްކަ ރުފިޔާ ފްލެޓުގެ އަގުން އުނިކޮށް، މިދިޔަ މަހުގެ 24 އިން ފެށިގެން ހަތް އަހަރު ވަންދެން ކޮންމެ މަހަކު ދައްކަން ޖެހޭ ކުލީގެ އަދަދު 5500 ރުފިޔާ އިން 3983 ރުފިޔާ އަށް ކުޑަކުރި ކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓުން 50 ޕަސެންޓު ކުޑަކޮށް، މަހު ކުލިން އެވަރެޖްކޮށް 4،200 ރުފިޔާ އުނިކޮށްފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.