ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރުގެ އެކްޓިން ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު "އެނިމަލް" ގެ ދެވަނަ ބައި 2026 ވަނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޮކްސް އޮފީހުގައި މި ފިލްމު ބޮޑު ކާމިޔާބީއެއް ހޯދިއިރު މި ފިލްމު މިހާރު ވަނީ ނެޓްފްލިކްސް ސްޓްރީމިންއަށް ދޫކޮށްލާފައެވެ. އެނިމަލް ޕާކު ގެ ނަމުން ނަން ދީފައިވާ މި ފިލްމުގެ ދެވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތް ޑައިރެކްޓަރު ސަންދީޕް ވެންގާ ރެއްޑީ މި މަހު ފެށުމަށް ހަމަޖެހިފައިވާއިރު މި ފަހަރުގެ ފިލްމުގައި ރަންބީރު ޑަބަލް ރޯލު ކުޅޭނެ ކަމަށް ބެލެވެއެވެ.

ދަރިފުޅަށް ބައްޕަގެ ފަރާތުންދޭންޖެހޭ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުން، ދެބަފައިންގެ މެދުގައި ހިނގާ ކަންތައްގަނޑެއް މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ދަރިފުޅުގެ ރޯލު ރަންބީރު ކުޅޭއިރު ބައްޕަގެ ރޯލު ކުޅެނީ އަނިލްއެވެ. އެކްޓަރު ރަންބީރުގެ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް "އެނިމަލް" މިހާރުވެފައިވާއިރު މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއްވެސް ފެނިގެންދާނެ ފިލްމެކެވެ. ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޓްކުރި މި ފިލްމުގެ ސަޕޯޓިން އެކްޓްރަސްގެ ރޯލު ކުޅުނު ޓްރިޕަޓީގެ އެކްޓިން ވަނީ ގިނަ ބަޔަކު ފާހަގަކޮށްފައެވެ. ކްރިޓީކުންގެ އިތުރުން ބެލުންތެރިންގެ މެދުގައި މަގްބޫލު މި ފިލްމަކީ ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެއް ވެސްމެއެވެ. އެނިމަލް ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 917.31 ކްރޯޑް ރުޕީސް (110 މިލިއަން ޑޮލަރު)ގެ ބޮޑު އާމްދަނީއެއް ލިބިފައެވެ.