ސާވިކަލް ކެންސަރު ޖެހި މަރުވިކަމަށް ފެތުރި ހަބަރަކީ ބަތަލާ ޕޫނަމް ޕާންޑޭ ޖެއްސި ސްޓަންޓެއް ކަމަށް ހާމަވެއްޖެއެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުން ފެނިފައިވާ ބަތަލާ ޕޫނަމް ޕާންޑޭ މަރުވިކަމަށް ސޯޝަލް މީޑިއާގެ އިތުރުން ބޭރު މީޑިއާގައި ފެތުރެން ފެށީ ހުކުރު ދުވަހުގެ ހެނދުނެވެ. ސާވިކަލް ކެންސަރަށް ފަރުވާކުރަމުން އައި ބަތަލާ މަރުވުމާއެކު އޭނާއަށް ސަޕޯޓުކުރާ އެތައް ފަންނާނުންނެއް ތައުޒިޔާ ކިޔަމުން އައިިއިރު އޭނާގެ ކުރީގެ ފިރިމީހާ ސޭމް ބޮމްބޭ ވަނީ އޭނާ މަރުވިކަން ގަބޫލުނުކުރާ ވާހަކަވެސް ބުނެފައެވެ.

އިއްޔެ އިރުއަރައިގެން ދިޔައީ މުޅި ދުނިޔެވެސް ސިއްސުވާލުމަށްފަހު ޕޫނަމް ހަގީގަތުގައި މަރުނުވާކަމަށް ބުނުމުންނެވެ. ބަތަލާ ޕޫނަމް އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ މަރު އޭނާ "ފޭކް" ކުރީ ކަމަށެވެ. އަދި އެއީ ސާވިކަލް ކެންސަރުގެ ވާހަކަ މީހުން ނުދައްކާތީ ކަމަށާއި އޭނާގެ މަރުގެ ހަބަރާއެކު ގިނަ ބަޔަކު ސާވިކަލް ކެންސަރާ ގުޅޭގޮތުން ވާހަކަދައްކަން ފެށި ވާހަކަ ކަމަށެވެ. އޭނާގެ މަގްސަދަކަށްވީ ކެންސަރުގެ ވާހަކަ ގިނައިން މީހުން ދެއްކުން ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ބުނީ ކުރިން ބަލި ދެނެގަނެވި އެކަމަށް ފަރުވާ ހޯދައިފިނަމަ ސާވިކަލް ކެންސަރަކީ ރަނގަޅު ކުރެވޭނެ ބައްޔެއް ކަމަށެވެ. އޭނާގެ މަރުގެ ހަބަރާއެކު ހިތާމަފާޅުކުރި އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ބަތަލާ ވަނީ ބުނެފައެވެ. ޕޫނަމްގެ "ފޭކް މަރުގެ" ހަބަރާއެކު އާންމުންގެ ގިނަ ބަޔަކު ރަތަށް އެރިއިރު އެމީހުން ބުނީ ހަގީގަތުގައި ވެސް ދެން ޕޫނަމް މަރުވެއްޖެ ނަމަ އެ ކަން ގަބޫލުނުކުރާނެ ކަމަށެވެ. އަދި މީހެއްގެ މަރަކީ ޕީއާރު ސްޓަންޓް ޖައްސަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.