ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައިގައި ދެގައުމުން ތާރީހުތަކަކަށް އެއްބަސް ވެފައި ވާ އިރު، ސިފައިން ބާލަން ނިއުދިއްލީން އެއްވެސް އެންގުމެއް މިހާތަނަށް އަންގާފައި ނުވާކަނަށް ނޭވީ ޗީފް އެޑްމިރަލް އާރު ހަރީ ކުމާރު ވިދާޅުވުވެއްޖެއެވެ.
ސީއެންއެން ނިއުސް 18 އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ސިފައިން ބޭލުމުގެ މައްސަލައިގައި ކޮންމެ ގޮތަކަށް އަމަލު ކުރަން ނިއުދިއްލީން އެނގި ނަމަވެސް އެގޮތަކަށް އަމަލު ކުރައްވާނެ ކަމަށާއި ސިފައިން ބޭލުމާ ގުޅޭ ގޮތުން އަދި މިހާތަނަށް އެއްވެސް އެންގުމެއް އަދި އިރުޝާދެއްެވެސް ދީފައި ނުވާ ކަމަށެވެ.
އިންޑިއާގެ ހަބަރުތަކުން ބުނާގޮތުން މެޑިކަލް ސްޓާފުން ހިމެނޭހެން ރާއްޖޭގައި 80 ވަރަކަށް ސިފައިން އެބަތިއްބެއެވެ. ނަމަވެސް ދިވެހި ސަރުކާރުން ހާމަ ކޮށްފައި ވާ އަދަދުތަކަކީ 89 އެކެވެ. އިންޑިއާއިން ބުނާ ގޮތުން އެމީހުން ތިބީ ރާއްޖޭގައި ދުއްވާ ޑޯނިއާ އާއި ހެލިޕްޓަރުތައް ދުއްވުމުގައި އެހީތެރިވުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.
އިންޑިއާއިން މި އުޅަނދުތައް ހަނދިޔާ ކުރި އިރު އެއްބަސްވެފައި ވާ ގޮތުން، ދިވެހި ޕައިލެޓުން ތަމްރީނު ކޮށް ހިދުމަތަށް ނެރެން ޖެހުނު ނަމަވެސް ތަމްރީނު ކުރި 3 ޕައިލެޓުން ކުރެ އެކަކަށް ވެސް އުޅަނދު އުދުއްސަން ނުދޭކަމަށް އެ ޕައިލެޓުންގެ ފަރާތުން އެނގިފައި ވެއެވެ. އަދި އެ 3 ޕައިލެޓުންގެ ތެރެއިން 2 މީހަކު ވަޒީފާއިން ކެނޑިގެން އަމިއްލަ ކުންފުނިތަކަށް ބަދަލުވެފައި ވާކަމުގެ މައުލުމާތުވެސް ލިބިފައި ވެއެވެ.
ސިފައިން ބޭލުމާއި، އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރުއުތަކާއި އިގުތިސޯދީ އަދި ދޭދޭގުޅުންތަކުގެ ދާއިރާއިން ކަންކަން ހަރުދަނާ ކުރުމަށް ރާއްޖެ އާއި އިންޑިއާ އާ ދެމެދު ކުރަމުން ދާ މަޝްވަރާތަކުގެ ދެވަނަ ބުރު ނިއުދިއްލީގައި ބާއްވާފައި ވާ އިރު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، މާޗް 10 ގެ ނިޔަލަށް ސިފައިންގެ ބެޗެއް ރާއްޖެއިން ބާލަން އިންޑިއާއިން އެއްބަސްވެފައި ވެއެވެ. އަދި ބާކީ ތިބޭ މީހުން އަންނަ މެއި މަހުގެ 10 ގެ ކުރިން ބާލަން އެއްބަސްވެފައި ވެއެވެ.
އިންޑިއާ އިން ބުނެފައި ވަނީ، ދެވަނަ މަޝްވަރާގައި އެއްބަސްވި އެއްކަމަކީ ޑޯނިއާ އާއި ހެލިކޮޕްޓަރުގެ ހިދުމަތް ނުހުއްޓި ކުރިއަށް ދާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ގޮތްތަކެއް ހޯދުމަށް ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި ހުރި އިޖުތިމާއީ ގުޅުންތަކާއި އިގުތިސޯދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއެކު ސިޔާސީ ގުޅުންތައް ރަނގަޅު ކުރުމަށް ވެސް އެއްބަސް ވެވުނު ކަމަށެވެ. އިންޑިއާއިން ނެރުނު ސްޓޭޓްމަންޓުގައި ސިފައިން ބާލާ ވާހަކައެއް ނެތެވެ.