މާލޭގައި ގާއިމް ކުރުމަށް ހަމަޖެިފައިވާ އާ މާރުކޭޓު ނިމުމުން ދިވެހިންނަށް ދޫކުރާ ގޮޅިތަކުގައި ބިދޭސީން ތިބޭ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން، އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ހއ.ބާރަށު، މަދޮށިމާގޭ، އަބްދުﷲ އިބްރާހީމް މަނިކު ރައީސް މުއިއްޒު އަށް އަމާޒު ކުރެއްވި ސުވާލަކީ އާ މާރުކޭޓުގެ މަސައްކަތް ފަށާނެ ދުވަހެއްގެ އިތުރުން މާރުކޭޓުގެ ގޮޅިތައް ދިވެހިންނަށް ދޫކުރި ނަމަވެސް ގޮޅިތައް ހިންގުމުގައި ބިދޭސީން އުޅޭ މައްސަލައިގައި އޭނާ ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެގޮތުން ގޮޅިން ކުއްޔަށް ލިބެނޭ ގިނަ ފަހަރަށް ބިދޭސީ މީހެއްގެ އަތުން ކަމަށް އިބްރާހިމް މަނިކު ބުނެފައި ވެއެވެ.
އޭނާގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލޭގައި ހުރި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަކީވެސް އެންމެ އެކަށޭނެ ފެންވަރަށް ހުރި ތަންތަން ނޫން ކަމަށެވެ. އަދި އާ މާރުކޭޓު ގާއިމް ކުރުމުގެ ހުރިހާ މަސައްކަތެއް ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާ މާރުކޭޓު ގާއިމް ކުރާނީ މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ މާރުކޭޓު އެޅުމުގެ މަސައްކަތް ފެށުމުގެ މަރުހަލާގައި އުޅެނީ. އެމާރުކޭޓު އެޅުމުން އަބްދުﷲ ތިފާހަގަކުރެއްވި މައްސަލައަށް ހައްލެއް އަންނާނެ. ވަރަށް ސާފުތާހިރު ވަރަށް ރީތިކޮށް ހުންނަ، އަދި ޖާގަ މާ ބޮޑު ގޮޅިތައްވެސް ހަމަޖެހިގެންދާނެ،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އަދި އާ މާރުކޭޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަސް ނިމުމުން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ބިދޭސީންގެ މައްސަލަތަކަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މައްސަލަ ހައްލު ކުރާނެ ކަމަށާއި މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އާ މާރުކޭޓާއެކު އެ ހުރިހާ މައްސަލަތަަކަށްވެސް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.