ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9 ޖަހާއިރު ފަށާފައި ވާއިރު މިއަދު ހަވީރު 5 ޖެހުމުގެ ނިޔަލަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

އެމްޑީޕީއިން ޕްރައިމަރީ ފަށާފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ 40 ދާއިރާއަކަށް ކެންޑިޑޭޓުން ހޮވުމަށް ކަމަށްވާއިރު ޖުމްލަ 148 ކެންޑިޑޭޓުން ވާދަކުރެއެވެ.

ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓު 47 ފަރާތަކަށް ކަށަވަރުވެފައިވާއިރު އޭގެ ތެރޭގައި އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި މިހާރުވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަމުންދާ އެ ޕާޓީގެ އިސް ފަރާތްތައް ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 25،325 މީހުންނަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

މީގެ ކުރިން އެމްޑީޕީއިން އިއުލާންކޮށްފައިވަނީ އެ ޕާޓީގެ ޕްރައިމަރީ ދެ ދުވަހަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނަމަވެސް ގިނަ ދާއިރާތަކެއްގެ ޓިކެޓު އެ ޕާޓީއިން ކަށަވަރުކުރުމާ ގުޅިގެން މިއަދު އެކަނި ވޯޓުލުން ކުރިއަށް ގެންދިއުމަށް އެ ޕާޓީއިން ނިންމިއެވެ. އެމްޑީޕީގެ ޕްރައިމަރީ މިއަދު ކުރިއަށް ގެންދާއިރު ސަރުކާރު ހިއްސާވާ، ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުރިއަށްގެންގޮސްފައެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ކަމަށް ކަނޑައަޅާފައިވާއިރު އެ ދުވަހަކީ ރޯދަ މަހުގެ 6 ވަނަ ދުވަހަށްވުމުން އަދިވެސް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.