އިންޑިއާ އާއި ރާއްޖޭން އެއްބަސްވެވޭ ފަދަ ގޮތަކަށް، ސިއްހީ ބޭނުންތަކާއި އިންސާނީ އެހީތެރިކަމަށްޓަކައި މީހުން އުފުލުމަށް ބޭނުންކުރާ އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުންކުރުން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މިއަދު އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ރާއްޖެ އާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގެ ތަފްސީލު ހިއްސާކޮށް ނެރުނު ބަޔާނުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ:

  • ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް
  • ރާއްޖޭގައި އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރު ދެ ގައުމުން އެއްބަސްވެވޭ ފަދަ ގޮތަކަށް ބޭނުންކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށް

ދެ ގައުމުގެ ހައިލެވެލް ކޯ ގްރޫޕްގެ ތިންވަނަ ބައްދަލުވުން، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވޭ ތާރީހެއްގައި މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުންޏެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ 'ހައިލެވެލް ކޮމިޓީ'ގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު މާލޭގައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް އެ ބައްދަލުވުމުގައި އެއްބަސްވެވިފައިވާ ކަމަށް ބުނެފައެވެ. އަދި މިކަމާ ގުޅިގެން ދެވަނަ ބައްދަލުވުމެއް އިންޑިއާގެ ނިއުދިއްލީގައި ބާއްވާނެ ކަމަށް ވެސް އޭރު ބުންޏެވެ.

އެކަމަކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިންސާނީ އެހީތެރި ކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓް ކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މިއަދު ނެރުނު ބަޔާނުގައި ވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭ ގޮތުން ވާހަކަ ދެކެވިފައިވާ ކަމެއް ހާމައެއްނުކުރެއެވެ.