ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ބައެއް ދޯނިފަހަރަށް އިންޑިއާ ސިފައިން އިއްޔެ އެރި ސަބަބު ލިޔުމަކުން ދޭން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ.

އެމްއެންޑީއެފްގެ ފަރާތުން މިކަމާ ގުޅިގެން ބަޔާނެއް ނެރޭނެ ކަން ފިޔަވައި އިތުރު ވާހަކައެއް މިކަމާ ގުޅިގެން ސުވާލުކުރުމުން، ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅެއްނުވެއެވެ. އެކަމަކު އިތުބާރު ހިފޭ ބައެއް މަސްދަރުތަކުގައިވާ ގޮތުން، ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސިފައިން ދިވެހި ބައެއް މަސްދޯނިފަހަރަށް އެރި ސަބަބު ހާމަކުރުމަށް އެދި ލިޔުމަކުން އިންޑިއާ ސަރުކާރަށް އަންގައިފައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން މިއަދު ވީޑިއޯ އެއް އާންމުކޮށް ޖެހި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާގެ ސިފައިން އެރީ 'އަސުރުމާ 3' އާއި 'ނިރު 7' އަދި "މާހޯރަ 3'، މި ތިން ދޯންޏަށް ކަމަށެވެ.

އިންޑިއާ ކަނޑަށް ނިކުމެ އުޅެނިކޮށް އިންޑިއާ ސިފައިން އެ ތިން ދޯންނަށް އެރި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ސަރުކާރުން ބުނީ ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނިޓަރިން ސިސްޓަމުން ކަށަވަރު ވަނީ ދޯނިފަހަރު އޮތީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ މަސް ދޯންޏަކަށް އެރި ކަމުގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފުން ވަނީ އެ ދޯނި ހިފަހައްޓާފައިވާ ސަރަހައްދަށް ގޮސްފައެވެ. އެ ދޯންޏަށް އެރީ ކޮން ގައުމެއްގެ ސިފައިން ކަން މިހާތަނަށް އައި އިރު ވެސް އެމްއެންޑީއެފުން ހާމައެއް ނުކުރެއެެވެ.

މިކަމާ ބެހޭ ގޮތުން ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އދ މަހިބަދޫ 'އަސުރުމާ 3' ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް ސިފައިން އަރައިފި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. މިކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ޖަމިއްޔާ އިން ވަނީ މިކަން ތަހްގީގު ކުރުމަށް ގޮވާލައިފައެވެ.